ޚަބަރު

ކުލަގަދަ ބޮކިތަކާއި ސަރުކާރު ކުންފުނިތަކުގެ އެކި ހަރަކާތްތަކާއެކު ފޯރިގަދަ ފިޠުރު ޢީދެއް


  • މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ކުލަބޮކިތައް ހަރުކޮށްފި

  • މިމަހުގެ 29 ވަނަ ދުވަހު ދިއްލާލާނެ

ފިޠުރު ޢީދާއި ދިމާކޮށް މުޅި ރާއްޖޭގައިވެސް ފޯރިގަދަ ޢީދެއް ފާހަގަކުރުމަށް ތައްޔާރުވަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާއްމު ޚިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ޢީދޫ ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ރަމަޟާން މަހުގެ ރޯދައަށްފަހު މުސްލިމުން ކުރިމަތިލާ ބަރަކާތްތެރި ފިޠުރު ޢީދާއި ދިމާކޮށް ކުލަ ބޮކިތަކުން މާލެއާއި އަތޮޅުތަކުގެ ރަށްތައް ދިއްލާލުމަކީ ރާއްޖޭގައި ކުރަމުން އަންނަކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މޭޔަރަކަށް ހުންނެވިއިރު އެންމެ ފުރަތަމަ މާލޭގައި ކުލަ ބޮކިތަކުން ދިއްލާލިނަމަވެސް އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ޙަވާލުވެވަޑައިގެން ކުލަބޮކިތަކަކީ ރާއްޖޭގެ އެހެން ރަށްރަށުގެ އާންމުންނަށްވެސް ތަޖުރިބާކޮށްލެވޭނެ އުފާވެރިކަމަކަށް ހެއްދެވުމަށްވަނީ ނިންމަވާފައެވެ.

މިގޮތުން މިދިޔަ އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ބޮޑެތި ސިޓީތައް ޢީދަށް ކުލަބޮކިތަކުން ވަނީ ދިއްލާލާފައެވެ. މިހާރު ސަރުކާރުން ތައްޔާރުވަމުންދަނީ މިއަހަރުގެ ފިޠުރު ޢީދުގައި ކުލަބޮކިތަކުން ރާއްޖެ ދިއްލާލުމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީތަކާއި ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާއްމު ޚިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މާލޭގެ އިތުރުން އިތުރު 36 އިދާރީ ދާއިރާއެއްގައި މިއަހަރުގެ ފިޠުރު ޢީދުގައި ކުލަބޮކި ދިއްލާލުމަށް ހަމަޖެހިފައިވާކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ކުލަބޮކިތައް މާލޭގައި ހަރުކުރުމުގެ މަސައްކަތް ކުރަމުން. މިކަމުގައި ސަރުކާރު ކުންފުނިތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ. އަދި އަތޮޅުތަކުގެ ރަށްތަކުގައިވެސް ކުލަބޮކިތަކުން ދިއްލާލުމަށް ކުރަމުންދަ މަސައްކަތުގައި އިތުރު 36 އިދާރީ ދާއިރާއެއްގައި މިއަހަރު ދިއްލާލާނެ." ވަޒީރު ވިދާޅުވިއެވެ.

ކުލަބޮކިތަކާއި ގިޑިގެ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މާލޭގެ ބޮޑެތި މަގުތައްކަމަށްވާ މަޖީދީ މަގާއި އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި މިހާރުވަނީ ކުލަބޮކި ހަރުކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކި ސަރަޙައްދުތަކުގައި ގިޑިގެވެސް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ޢީދާއި ގުޅިގެން މާލެއާއި ރަށްރަށުގައި ހަރުކުރާ ކުލަ ބޮކިތަކަކީ އެއަށް ކުޑަކުދިންނާއި އާންމުންގެ ބޮޑު ޝައުގުވެރިކަމެއް ހުއްޓޭކަމެކެވެ. އެހެންކަމުން ޢީދުގެ އުފަލުގައި ރައްޔިތުންގެ ގިނަބައެއްގެ އެދުމާއެކު ގިނަ ސަރަޙައްދުތަކެއްގައި ފޯރިގަދަ ޢީދެއް ފާހަގަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ އެކި އޮފީސްތަކާއި ގުޅިގެން މާލެ ސަރަޙައްދުގައިވެސް ޢީދާއި ގުޅޭ ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާއްމު ޚިދުމަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.