ފަރުދެއްގެ އިންސާނީ ހަައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެގޮތަށް މީޑިއާތަކުން ޢަމަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް، އެޗްއާރްސީއެމުން އިލްތިމާސްކުރައްވައިފިއެވެ.
އެޗްއާރްސީއެމުން މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ މިމަހުގެ 22ވަނަ ދުވަހުގެ ރޭ ޓީވީ ޗެނަލެއްގެ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން ކުށްވެރިކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިދީފައިވާއިރު މިފަދަ އަމަލުތައް ނުކުރުމަށް އެޗްއާރްސީއެމުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މީޑިއާތަކުން މަންޒަރާއި އަޑާއި، މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމަޢުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް އެކޮމިޝަނުންވަނީ ހުރިހާ މީޑިއާތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް އެޗްއާރްސީއެމުންވަނީ ގޮވާލައްވާފައެވެ.