އިތުރު 8 ރަށެއްގައި ފުލުހުންގެ ޢިމާރާތް އެޅުމަށް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ފުލުހުންގެ ޢިމާރާތް ހަވާކުރައްވާފައިވަނީ، އެމްޓީސީސީއާއި، އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއެވެ.
ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓި ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް ޢަލީ ޒުހައިރެވެ. މީގެއިތުރުން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއިން އިތުރު 6 ރަށެއްގައި، އާރްޑީސީއިން އިތުރު 1 ރަށެއްގައި އަދި ފެނަކައިން އިތުރު 1 ރަށެއްގައި ފުލުހުންގެ ޢިމާރާތް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ފުލުހުންގެ ޚިދުމަތް އަތޮޅު ފެންވަރުގައި ތަރައްޤީކުރުމަށާއި، ރަށު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 2.2 މިލިޔަން ރުފިޔާ
ކޮންޓްރެކްޓަރ: އެމްޓީސީސީ
ފުވައްމުލަކު ސިޓީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 20 މިލިޔަން ރުފިޔާ
ކޮންޓްރެކްޓަރ: އެމްޓީސީސީ
ހއ. މާރަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 2.2 މިލިޔަން ރުފިޔާ
ކޮންޓްރެކްޓަރ: އެމްޓީސީސީ
ހއ. ބާރަށުގައި ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 13 މިލިޔަން ރުފިޔާ
ކޮންޓްރެކްޓަރ: އެމްޓީސީސީ
ރ. ދުވާފަރުގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 38 މިލިޔަން ރުފިޔާ
ކޮންޓްރެކްޓަރ:އެމްޓީސީސީ
ވ. ފެލިދޫގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 38 މިލިޔަން ރުފިޔާ
ކޮންޓްރެކްޓަރ: އެމްޓީސީސީ
ބ. ދަރަވަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 2.2 މިލިޔަން ރުފިޔާ
ކޮންޓްރެކްޓަރ: ފެނަކަ ކޯޕްރޭޝަން
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރަކީ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ އަހަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ތަޞައްވުރުކުރައްވާފައިވާތީ އެނިންމުމާއެކު އެމަނިކުފާނުގެ ޚާއްސަ އިރުޝާދުގެ ދަށުން ފުލުހުންގެ މުއައްސަސާގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ.
އެގޮތުން މި މަސައްކަތުގެ ދަށުން މުޅި ޖުމްލަ 83 ރަށެއްގައި ފުހުލުންގެ ޢިމާރާތްތައް އެޅުމަށް ސަރުކާރުގެ ކުންފުނިތަކާއި ވަނީ ހަވާލުކުރައްވާފައެވެ. އަދި މިމަޝްރޫޢުގެ ދަށުން މި 83 ޢިމާރާތް ތަރައްޤީކުރެވުމުން ރާއްޖޭގައި ޚިދުމަތް ނެތް ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެގެންދާނެއެވެ.