ޚަބަރު

ގަޑިތައް ނުގެއްލޭގޮތަށް، ރަމަޟާން މަސް ސްކޫލް ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަން މަސައްކަތްކުރަނީ!


  • މިއަހަރުގެ ޗުއްޓީ ދިމާވީ ރަމަޟާންމަށް

  • ރައީސް ވިދާޅުވީ ރޯދަމަހު ސްކޫލްތައް ބަންދުކުރާނީ ކިޔަވައިދޭ ގަޑިތައް ނުގެއްލޭނެގޮތަކަށްކަމަށް

ކިޔަވައިދޭ ގަޑިތައް ނުގެއްލޭގޮތަށް، ކުރިއަށްއޮތް އަހަރުތަކުގައި ރަމަޟާން މަސް ސްކޫލު ޗުއްޓީކަމުގައި ހަމަޖެއްސެވުމަށް ބައްލަވަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މިނަމުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރު އެކަޑެމިކް ކަލެންޑަރުގައި ހަމަޖެއްސުމަށް ކުރިން އޮތީ މިއަހަރުގެ ރަމަޟާން މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށްކަމުގައެވެ. އެހެންނަމަވެސް ފަހުން އެކި ކަންކަން ހަމަޖެއްސުމަށްފަހު މުޅި ރަމަޟާން މަސް ބަންދުކުރައްވާގޮތަށް ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ، ރަނގަޅު ހިޔާލު ތަކެއް ލިބިވަޑައިގެންނެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭކަމެއް ކަމުގައި އެމަނިކުފާނަށް ފާހަގަވާތީ ކުރިއަށްއޮތް އަހަރުތަކުގައިވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަމަޟާން މަސް ސްކޫލްތައް އެއްކޮށް ބަންދުކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން މިކަމުގެ ސަބަބުން ދަރިވަރުންނާ ބެލެނިވެރިންވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

" ފަހުދިހައެއް ހަމަ ވަރަށް ސާފުކޮށް ދީނުގައި އެބައޮތް ބަޔާންކޮށްފައި އިތުރަށް ސަމާލުކަން ދޭން. ލައިލަތުލްޤަދުރިއަށްމަސައްކަތްކުރުމަށްޓަކައި އަދި ދަރުމަޔާއި ސަވާބު އެތައް ގުނައެއް ލިބިގެންދާ ކަމެއްގެ ގޮތުގައި. ކުރިން ދެންނެވި ފަދައިން ސަތޭކަ ޕަސެންޓް އިސްލާމީ ޤައުމެއްގައި އަޅުގަނޑުމެން ބޭނުންވަނީ އިސްލާމްދީނުގައި މިހެން ހުންނަ ކަންކަންމުގައި މަގުފަހިކޮށްދޭން ސީދާ ސަރުކާރުން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަމަޟާން މަހަށްފަހު އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކުރަން ޖެހޭނެކަން އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށެވެ. އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ބަދަލުކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން މިދިޔަ ދިރަސީ އަހަރުގެ ކިޔެވުމަށްވެސް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެ ގެނައި ބަދަލުތަކުގެ ސަބަބުން ރަމަޟާންމަސް އެއްކޮށް ބަންދުވެ ދަރުވަރުން ތިބީ ޗުއްޓީގައެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަންނަ މަހުގެ 6ވަނަ ދުވަހު ފަށާއިރު ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28ވަނަ ދުވަހުއެވެ. އަދި ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލު ވާނީ 2026 ވަނަ އަހަރުއެވެ.