ކުޅިވަރު

އަންޗެލޮޓީ ޓެކުހަށް މަކަރު ހަދައިފި؟


ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ސްޕެއިންގެ ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފިއެވެ. މި މައްސަލަ މިހާރު ވަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑުގެ ކޯޓުގައި އަންނަ ހުކުރު ދުވަހަށް ތާވަލުކޮށްފައެވެ.

ޕްރޮސެކިއުޓަރުން ތުހުމަތު ކުރަނީ 2013 އިން 2015 އަށް ރެއާލް މެޑްރިޑުގެ ކޯޗަކަށް އަންޗެލޮޓީ ހުރިއިރު 2014 ވަނަ އަހަރު އެއް މިލިއަން ޑޮލަރަށް މަކަރު ހަދާފައިވާ ކަމަށެވެ. އަދި އޭނާގެ ހަގީގީ އާމްދަނީ ފޮރުވަން ކަރުދާސް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މިކަން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު ކަމަށްވެސް ޕްރޮސެކިއުޓަރުން ތުހުމަތުކުރެއެވެ.

އަންޗެލޮޓީގެ މައްޗަށް މި މައްސަލަ ސާބިތުވެއްޖެނަމަ ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ސްޕެއިންގައި ޓެކުހަށް މަކަރު ހެދި ކަމުގެ މައްސަލަ ވަރަށް ގިނަ ކުޅުންތެރިންނާއި ކޯޗުންނަށް ދިމާވެ، ޝަރީއަތާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެ ގޮތުން ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އާއި، ރެއާލް މެޑްރިޑަށް ކުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަކީވެސް ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތު ކުރެވި ކޯޓަށްދާން ޖެހުނު ކުޅުންތެރިންނެވެ.

ރެއާލްގެ ކޯޗު އަންޗެލޮޓީ އަކީ ދުނިޔޭގެ އެންމެ ކާމިޔާބު ކޯޗެވެ. އިޓަލީގެ އޭސީ މިލާނާއެކު ދެ ފަހަރު އަދި ރެއާލް މެޑްރިޑުގައި ތިން ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ހޯދައި އޭނާ ވަނީ އެ މުބާރާތް ޖުމްލަ ފަސް ފަހަރު ކާމިޔާބުކޮށްފައެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ކޯޗަކަށް ހޯދިފައިވާ ރިކޯޑެއް ނޫނެވެ. އަންޗެލޮޓީ އަކީ އިޓަލީ އާއި ސްޕެއިންގެ އިތުރުން އިނގިރޭސިވިލާތުގެ ޗެލްސީ އާއި ޖަރުމަނުގެ ބަޔާން މިއުނިކުގައިވެސް ކާމިޔާބު ހޯދި ވަރަށް ތަޖުރިބާކާރު ކޯޗެކެކެވެ. މިހާރު އޭނާގެ އެހީއަށް އެންމެ ބޮޑަށް އެދެމުންދަނީ ބްރެޒިލްގެ ގައުމީ ޓީމުންނެވެ.