ޚަބަރު

ގއ. މާމެންދޫގެ އިޚްތިޞާޞްގައި އެއަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސް ނިންމަވައިފި


  • ރައީސް މިގޮތަށް ނިންމަވާފައިވަނީ އެމަނިކުފާނު ނެރުއްވި ޤަރާރަކުން

  • ހުޅުމެންދޫއަކީ މާމެންދޫއާ އެއް ފަޅެއްގައި އޮންނަ 5 ވަރަކަށް ހެކްޓަރުގެ ރަށެއް

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު މިއަދު ނެރުއްވި ޤަރާރުންނެވެ.

މާމެންދޫގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ހުޅިމެންދޫއަކީ މާމެންދޫއާ އެއް ފަޅެއްގައި އޮންނަ ގާތްގަނޑަކަށް 5 ހެކްޓަރުގެ ރަށެކެވެ. މި ރަށަކީ މީގެކުރިންވެސް މާމެންދޫ ކައުންސިލުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނާފައި އޮތް ރަށެކެވެ. ނަމަވެސް ކުރީ ސަރުކާރުން ވަނީ އެރަށް ކައުންސިލުގެ އިޙްތިޞާސްގެ ތެރެއިން ހުޅިމެންދޫ އުނިކޮށް، ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް އެކަން ހުއްޓި އެރަށަކީ މިވަގުތު އެއްވެސް ބޭނުމެއް ކުރަމުންދާ ރަށެއް ނޫނެވެ. ހުޅިމެންދޫއަކީ އާމްދަނީ ލިބޭނެ ވަޞީލަތެއްގެ ގޮތުގައި ހެދުމަކީ މާމެންދޫ ކައުންސިލުގެ އަމާޒެއްކަމަށް އެރަށު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

ގއ. މާމެންދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސް ނިންމަވާފައިވާއިރު، އެމަނިކުފާނު ވަނީ މިދިޔަ ޖެނުއަރީމަހު ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މާމެންދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، ޑަބްލިއުޑީސީގެ މެންބަރުންގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް ގެންގުޅުއްވާ ސިޔާސަތުތައް ހިއްސާކުރައްވާފައެވެ.

މާމެންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމަކީ، ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގައި ހަމަ އެހެން ރަށްތައް ފަދައިން، އެއްވެސް ތަފާތުކުރުމެއްނެތި، އިސްކަންދޭނެ ކަންތައްތަކެއްކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިދިޔަ ސަރުކާރުގެ ޒަމާނުގައި އަދި ކުރީގެ، އޭގެ ކުރީގެ ސަރުކާރުން ފެށިގެންވެސް ފެށި، އެކި ގޮތްގޮތުން ހުއްޓިގެންގޮސް ނުނިމި، އޭގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަންޖެހިފައި ހުރި ކަންކަން ފާހަގަކުރައްވާ އެކަންކަން މި ސަރުކާރުން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.