ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކްގައި ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖައްސަން މަޖުބޫރުވެފައިވަނިކޮށް، އެއާ އިންވެގެން އޮންނަ ބެލްގަރްދު ސަރަޙައްދަށް އަމާޒު އަނބުރާލައި، ރަޝިޔާ ސިފައިންނާ ކުރިމަތިލާން ފަށައިފިއެވެ.
ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ މަޢުލޫމާތު ގެނެސްދޭ ރަޝިޔާއަށް ނިސްބަތްވާ ބްލޮގަރުން، ރަޝިޔާގެ އަސްކަރީ އިސް އޮފިޝަލުންނާ ޙަވާލާދީ ބުނި ގޮތުގައި، ބެލްގަރްދު ސަރަޙައްދުގައި ޔޫކްރެއިނު ސިފައިން ދަނީ ރަޝިޔާގެ އަސްކަރިއްޔާއާ ވަރުގަދައަށް ކުރިމަތިލަމުންނެވެ.
މި ކަން ދެ ޤައުމުން ވެސް ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައިނުވި ނަމަވެސް، މީގެ 10 ދުވަސް ކުރިން ބެލްގަރްދު ބޯޑަރު ހުރަސްކޮށް އެ ސަރަޙައްދަށް ވަދެގަންނަން ޔޫކްރެއިނު ސިފައިން ތަފާތު ފަސް ފަހަރެއްގެ މަތިން ކުރި މަސައްކަތް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.
ޔޫކްރެއިންގެ ފައުޖުތަކުގެ އަތްދަށުން ކޫރްސްކްގެ ރަށްތަކާއި އަވަށްތައް ރަޝިޔާގެ އަސްކަރިއްޔާއިން މިނިވަން ކުރަމުންދާއިރު، ޔޫކްރެއިނުގެ ސިފައިންގެ ރައްކާތެރިކަމަށް ކޫރްސްކް ސަރަޙައްދުގެ ކުޑަކޮށް ބޭރުން "ފިޔަވަޅުތަކެއް" އަޅާފައިވާ ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އެ ފިޔަވަޅުތަކުގެ ތަފްޞީލެއް ޒެލެންސްކީ ދެއްވާފައެއް ނުވެއެވެ.
ބެލްގަރްދު ސަރަޙައްދަށް ޔޫކްރެއިނު ސިފައިންގެ އަމާޒު އަނބުރާލާފައިވަނީ، ކޫރްސްކްގައި ތިބި ޔޫކްރެއިނު ސިފައިން ވަށާލައިފިނަމަ، ސަލާމަތުން ނުކުމެވޭނެ މަގެއް ކޮށުމުގެ ބޭނުމުގައި ކަމަށް އަސްކަރީ ބައެއް މަސްދަރުތަކާ ޙަވާލާދީ ރިޕޯޓުތައް ބުނެފައިވެއެވެ.
ކޫރްސްކަށް ޔޫކްރެއިންގެ ސިފައިން އަރައި ހަނގުރާމަ ފުޅާ ކޮށްފައި ވަނީ 2024ވަނަ އަހަރުގެ އޮގަސްޓު މަހުގެ 6ވަނަ ދުވަހުއެވެ. އެއީ، 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާއަށް ލިބުނު ބޮޑު ސިހުމެކެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން ވެސް ވަނީ ޔޫކްރެއިންގެ ބިމުން ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. މި ގޮތުން، ޔޫކްރެއިންގެ ބިމުން 113,000 އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް ރަޝިޔާގެ ސިފައިން ބާރު ފޯރުވަމުންދާއިރު، އެއީ އެ ޤައުމުގެ ބިމުގެ %20އެވެ.