ސެޕްޓެންބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 547 މިލިޔަން ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 547.7 މިލިޔަން ޑޮލަރެވެ. މިއީ އޮގަސްޓުމަސް ނިމުނުއިރު ރިޒާވުގައި ހުރި އަދާދާ އަޅާ ބަލާއިރު 14.9 އިންސައްތަ ދަށް އަދަދެކެވެ. އޮގަސްޓު މަހު ރަސްމީ ރިޒަރވްގައި ހުރީ 643.9 މިލިޔަން ޑޮލަރެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ޔޫޒަބަލް ނުވަތަ ބޭނުންކުރެވޭ ރިޒާވުގައި ހުރި މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން އޮގަސްޓު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 200.6 މިލިޔަން ޑޮލަރު ހުރިއިރު، ސެޕްޓެމްބަރު މަސް ނިމުނުއިރު މި އަދަދު ވަނީ 167.7 މިލިޔަން ޑޮލަރަށް ދަށްވެފައެވެ. މިއީ 15.4 އިންސައްތައިގެ ދަށްވުމެކެެވެ.
އެމްއެމްއޭއިން ވިދާޅުވީ، ރިޒާވު ދަށްވުމުގެ މައިގަނޑު ސަބަބަކީ ސެޕްޓެންބަރުމަހު އެ އޮތޯރިޓީއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަަށްވުރެ ބޭރުފައިސާ ވިއްކި އަދަދު އިތުރުވުން ކަމަށެވެ. މިގޮތުން، އޯގަސްޓު މަހާ އަޅާބަލާއިރު، އެމްއެމްއޭއިން ބޭރުފައިސާ ވިއްކި މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.
ބޭރު ފައިސާ ވިއްކި މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 2019 ވަނަ އަހަރު، ސަރުކާރުން ބަޖެޓް ސަޕޯޓުގެ ބޭނުމަށް އެސްބީއައި ބޭންކު މެދުވެރިކޮށް ނަގާފައިވާ 150 މިލިޔަން އެމެރިކާ ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން ބާކީ ދަައްކަންޖެހޭ 50 މިލިޔަން އެމެރިކާ ޑޮލަރު ސެޕްޓެންބަރު މަސް ތެރޭގައި ދައްކައި ހަލާސްކުރުމަށް، އެމްއެމްއޭއިން ސަރުކާރަށް ޑޮލަރު ވިއްކުން ހިމެނެއެވެ.
ބޭރުފައިސާގެ ޤާނޫނުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭއިރު، ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން %90 ޑޮލަރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކާނެއެވެ. މީގެ ތެރެއިން ބައެއް އާންމުންގެ ބޭނުންތަކަށް ދޫކުރުމަށް އެމްއެމްއޭއިން ބޭންކުތަކަށް ވިއްކާއިރު، އޭގެ ބައެއް ރިޒާވް ހަރުދަނާ ކުރުމަށް ބޭނުންކުރެއެވެ.
ފާއިތުވީ މަސްތަކެކޭ އެއްގޮތަށް ސެޕްޓެންބަރު މަހުގައިވެސް، ބޭރުފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމަށް، ބޭންކުތަކަށް އެމްއެމްއޭއިން ވަނީ ޑޮލަރު ވިއްކާފައެވެ.