ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި، ފާއިތުވި ހަފުތާގެ ތެރޭގައި ޝަހީދު ކޮށްލި ފަލަސްޠީނު ރެޑް ކްރެސެންޓަށް ނިޞްބަތްވާ އަށް ޑޮކްޓަރުކުންގެ ހަށިގަނޑު ހޯދައިފިއެވެ.
ރެޑް ކްރެސެންޓުގެ ނުވަ ޑޮކްޓަރުންގެ މައްޗަށް އެކުލެވިގެންވާ ޓީމު ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ މާރިޗު މަހުގެ 23ވަނަ ދުވަހުއެވެ. އެއީ ޣައްޒާގައި ބޭނުން ކުރަމުންދިޔަ އެމްބިޔުލާންސެއްގައި މަސައްކަތަ ކުރަމުންދިޔަ ޑޮކްޓަރުންތަކެކެވެ. އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ ޓީމުން ރަފަޙްގައި ޙަރަކާތްތެރިވަމުން ދަނިކޮށް ޔަހޫދީން ވަނީ އެ މީހުން ދަތުރުކުރަމުން ދިޔަ އެމްބިޔުލާންސަށް އަމާޒު ކޮށް ޙަމަލާ ދީފައެވެ. އެއަށްފަހު އެ ޑޮކްޓަރުންގެ ޚަބަރެއް ވެފައެއް ނުވެއެވެ. އޭގެ ތެެރެއިން އަށް ޑޮކްޓަރުންގެ ހަށިގަނޑު މިހާރު ފެނިފައިވާއިރު ނުަވަވަނަ ޑޮކްޓަރުގެ ހިލަމެއް މިހާތަނަށް ވެފައެއް ނުވެއެވެ.
އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކުރޮހުން ނެރުނު ބަޔާނެއްގައި ބުނީ ރެޑު ކްރެސެންޓުގެ ޑޮކްޓަރުންނަށް އަމާޒު ކޮށް ފީދައިވާ ޙަމަލާގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ. އެ މީހުންގެ ހަށިތައް މިހާރު ވަކި ކޮށްފައިވާ ކަމަށާއި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެެވެ. އެ މީހުންނަކީ އެހެން މީހުންގެ ޚިދުމަތުގައި އަމިއްލަ ނަަފްސު ނުރައްކަލަށް ހުށަހަޅައި މަސައްކަތް ކުރަމުންދިޔަ ބައެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ފަލަސްޠީނު ރެޑް ކްރެސެންޓުން ބުނީ ޑޮކްޓަރުންގެ ހަށިތަކުގެ އިތުރުން އެ ސަރަޙައްދުން މަދަނީ ދީފާޢުއަށް ނިޞްބަތްވާ ހަ މެންބަރުންނާއި އދގެ މުވައްޒަފެއްގެ ހަށިގަނޑު ވެސް ފެނިފައިވާ ކަމަށެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ސީދާ އެ މީހުންނަށް އަމާޒު ކޮށްގެން ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް، އައިއެފްއާރުސީން ބުނީ އެ ޓީމުގައި ހިމެނޭ އެއް ޑޮކްޓަރަށް ވީނުވީ އަދިވެސް ހޯދިފައި ނުވާ ކަމަށެވެ. ޔަހޫދީން ދިން އެ ޙަމަލާއަކީ 2017ވަނަ އަހަރުން ފެށިގެން ރެޑް ކްރެސެންޓުގެ މުވައްޒަފަުންނަށް ދުނިޔޭގެ އެއްވެސް ސަރަޙައްދެއްގައި މިހާތަނަށް ދީފައިވާ އެންމެ ގެއްލުންބޮޑު ޙަމަލާ ކަމަށް ވެސް އައިއެފްއާރުސީން ބުނެއެވެ.
އައިއެފްއާރުސީގެ ސެކެޓްރީ ޖެނެރަލް، ޖަގަން ޝަޕަގައިން ވިދާޅުވީ އެ ޙަމަލާގެ ސަބަބުން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ރެޑް ކްރެސެންޓުގެ އެ ޓީމުން މަސައްކަތް ކުރަމުން ދިޔައީ ޒަޚަމުތައް ލިބިފައިވާ މީހުންނަށް އެހީތެރިވުމަށް ކަމަށާއި އެ މީހުންނަކީ އިންސާނީ މަސައްކަތް ކުރަމުން ދިޔަ ބައެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުން ލައިގެން ތިބި ހެދުމުގައި އެ މީހުންނަކީ ކޮން މަސައްކަތެއް ކުރާ ކޮން ބައެއްގެ މުވައްޒަފުންކަން ދޭހަ ކޮށްދޭ ނިޝާން ޖަހާފައި ހުރި ކަމަށާއި އެ ނިޝާނަކީ އެ މީހުންނަށް ރައްކާތެރިކަން ލިބިދޭން ޖެހޭ ނިޝާނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުން ބޭނުން ކުރަމުންދިޔަ އެމްބިޔުލާންސަކީ ވެސް ރީތިކޮށް ފާހަގަވާނޭ ގޮތަށް ހުރި އެމްބިޔުލާންސެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އދގެ ތަފާސްހިސާބުތަކުން ދައްކާގޮތުަގައި 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާއަށް ޔަހޫދީން ދޭން ފެށި ޙަމަލާތަކުގައި މިހާތަށް 1،060 ޞިއްޙީ މަސައްކަތްތެރިން ވަނީ ޝަހީދު ވެފައެވެ. އދގެ މުވައްޒަފުންނަށް އޮތް ނުރައްކާ ބޮޑުވުމުގެ ސަބަބުން ޣައްޒާގައި ޙަރަކާތްތެރިވާ އެ ޖަމުޢިއްޔާގެ މުވައްޒަފުންގެ ޢަދަދު ތިންބައިކުޅަ އެއްބަޔަށް މަދު ކުރުމަށް އެ ޖަމުޢިއްޔާއިން މިހާރު ވަނީ ނިންމާފައެވެ.