ޚަބަރު

އިޖުތިމާޢީ ޚިދުމަތްތެރިންގެ 15 މީހުން ތިބީ ޝަހީދުކޮށް، ފަސް އަޅާފައި


ޝަހީދުކޮށް ވަޅުލާފައިވާ 15 އިޖުތިމާޢީ ޚިދުމަތްތެރިންގެ ހަށިގަނޑު ފަލަސްޠީނުގެ ޣައްޒާއިން ފެނިފައިވާ ކަމަށާއި، އެ މީހުން ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. ޝަހީދު ކޮށްލާފައިވާ 15 ޚިދުމަތްތެރިންގެ ތެރޭގައި ހިމެނެނީ ރެޑް ކްރެސެންޓާއި، ފަލަސްޠީނުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާ އަދި އދގެ މުވައްޒަފުންނެވެ.

އދގެ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އިދާރާ (އޯސީއެޗްއޭ)ގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ، އެ 15 މީހުންގެ ހަށިތައް ވަޅުލާފައިވާ ވަޅުގަނޑު ފެނިފައި ވަނީ، އެ މީހުން ދަތުރު ކުރަމުން ދިޔަ އުޅަނދުތައް ކައިރިން ކަމުގައެވެ. އެއީ، ރެޑް ކްރެސެންޓާއި ފަލަސްޠީނުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާ، އަދި އދގެ އުޅަނދުތަކެއް ކަން ސާފުކޮށް އެނގޭނެ ގޮތަށް ނިޝާން ޖަހާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި އެ އުޅަނދުތައް ސުންނާފަތި ކޮށްލާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

"ޔަހޫދީ ސިފައިން [ޙަމަލާދީ] އެ މީހުން ޝަހީދު ކޮށްލާފައި ވަނީ [ޣައްޒާގެ ރައްޔިތުންގެ] ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް. އެ ކަމަށް ޖަވާބު ދޭން ޖެހޭނެ އަދި [އެ މީހުންގެ މަރަށް] އިންސާފު ހޯދައިދޭން ޖެހޭނެ،" ފްލެޗަރ ވިދާޅުވިއެވެ. 15 އިޖުތިމާޢީ ޚިދުމަތްތެރިން ރަޙުމު ކުޑަކޮށް ޝަހީދު ކޮށްލުމުގެ ފަހަތުގައި ތިބީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ކަމުގައި ފްލެޗަރ ވިދާޅުވުމުން ޒަޔަނިސްޓު ސަރުކާރުން މި ކަމަށް ރައްދު ދީފައެއް ނެތެވެ.

އިޖުތިމާޢީ ޚިދުމަތްތެރިންގެ އިންސާނީ ކަރާމާތަށް އަރައިގަތުން

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އދގެ އިދާރާ (އުންރްވާ)ގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވެސް ވަނީ މި ކަން ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޝަހީދު ކޮށްލުމަށް ފަހު އެ މީހުންގެ ހަށިތައް "ތިލަ ވަޅަކަށް އެއްލައިލާފައިވާ،" ކަމުގައެވެ. އެއީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ ޖަރީމާއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. މިއާ އެކު، ޔަހޫދީ ފައުޖުން ގަސްދުގައި ޝަހީދު ކޮށްލާފައިވާ އިޖުތިމާޢީ ޚިދުމަތްތެރިންގެ އަދަދު 408އަށް އުފުލިފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

އިންޓަރނޭޝަލް ކޮނިޓީ އޮފް ދި ރެޑް ކްރޮސުން ވެސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. "އެ މީހުންގެ ހަށިތައް ނަގައި، ދެނެގަނެ، ޖަނާޒާ ބޭއްވުމަށް ވަނީ ގެންގޮސްފައި. އޭގެ ތެރޭގައި ހިމެނެނީ އިންސާނިއްޔަތަށް ޓަކައި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ޚިދުމަތް ކުރަމުން ދިޔަ މުވައްޒަފުންނާއި ވޮލަންޓިއަރުން،" އެ ޖަމުޢިއްޔާއިން ބުންޏެވެ.

ރެޑް ކްރޮސާއި ރެޑް ކްރެސެންޓުގެ މައި އިދާރާ (އައިއެފްއާރްސީ)ން ބުނީ، ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ އަށް މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އިތުރު މީހެއްގެ ހަށިގަނޑު ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ޣައްޒާގެ ރަފަޙަށް ޔަހޫދީ ފައުޖުން ދެމުން ދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކެއްގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދިޔަ ރެޑް ކްރެސެންޓުގެ މުވައްޒަފުންނެެވެ. އެ މީހުން ގެއްލިފައި ވަނީ މާރިޗު 23ވަނަ ދުވަހުއެވެ.

ތުހުމަތުން ބަރިއްޔަވުމަށް ޔަހޫދީންގެ އޮޅުވައިލުން

ޝަހީދުކޮށް ވަޅުލާފައިވާ 15 މީހުންގެ ތެރޭގައި ފަލަސްޠީނުގެ ރެޑް ކްރެސެންޓުގެ ހަ މުވައްޒަފުންނާއި އދގެ މުވައްޒަފަކު ހިމެނޭ ކަމުގައި ރެޑް ކްރެސެންޓުން ހާމަކުރިއެވެ. އެ މީހުންނަށް ޙަމަލާދީ، ޝަހީދު ކޮށްލުމުގެ ފަހަތުގައި ތިބީ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ކަމުގައި އެ ޖަމުޢިއްޔާއިން ވެސް ހާމަކުރިއެވެ.

މި ހާދިސާގެ ތުހުމަތުން ބަރިއްޔަވުމަށް ޔަހޫދީ ފައުޖުން ދަނީ ބަހަނާ ދައްކައި، އޮޅުވައިލުމަށް މަސައްކަތް ކުރަމުންނެވެ. ޔަހޫދީ ފައުޖުން ބުނީ، މާރިޗު 23ވަނަ ދުވަހު ރަފަޙުގައި ދަތުރު ކުރަމުން ދިޔަ އުޅަނދުތަކަކަށް ޔަހޫދީ ސިފައިން ޙަމަލާ ދީފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އެމްބިޔުލާންސާއި އަލިފާން ނިއްވާ ލޮރީ ފަދަ އުޅަނދުތައް ހިމެނުނު ނަމަވެސް އޭގައި ދަތުރު ކުރަމުން ގޮސްފައި ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތާއި އިސްލާމިކް ޖިހާދުގެ މުޖާހިދުން ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.

ޣައްޒާގައި ހުންނަވާ އޯއެޗްސީއޭގެ ވެރިޔާ ޖޮނެތަން ވިޓޯލް ވިދާޅުވީ، 15 މީހުންގެ ހަށިގަނޑު ވަޅުލާފައި ވަނީ ބޮޑު ވަޅުގަނޑެއްގައި ކަމުގައެވެ. އެ ސަރަޙައްދުގައި އެމްބިޔުލާންސެއްގެ އެމަރޖެންސީ ލައިޓު އޮތް ކަމަށާއި، އެ ވަޅުގަނޑު ކޮނުމަށް ފަހު، ފަސް އަޅަން ބޭނުން ކޮށްފައި ވަނީ ޔަހޫދީ ފައުޖުގެ ބުލްޑޯޒަރެއް ކަމުގައި އޯއެޗްސީއޭގެ ތަރުޖަމާނު ބުންޏެވެ. އެ ތަނުގައި ވަޅުލާފައިވާ އިޖުތިމާޢީ ޚިދުމަތްތެރިންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ވިޓޯލް ވަނީ ހިއްސާ ކުރައްވާފައެވެ.

"ޝަހީދު ކޮށްލާފައި ވަނީ އިންސާނިއްޔަށް ޓަކައި ޚިދުމަތް ކުރަމުން ދިޔަ ބަޔެއް"

"އަޅުގަނޑުމެންނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ޔަހޫދީ ސިފައިން އޭގެ ތެރެއިން ފުރަތަމަ ޓީމުގެ މެންބަރުން ޝަހީދު ކޮށްލާފައި ވަނީ މާރިޗު 23ވަނަ ދުވަހު، އަދި ބާކީ ތިބި މީހުން ޝަހީދު ކޮށްލާފައި ވަނީ، ފުރަތަމަ ޓީމުގެ މެންބަރުން ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށިތާ ގަޑިއިރުތަކެއް ފަހުން،" އޯއެޗްސީއޭގެ ތަރުޖަމާނު ބުންޏެވެ. މިއީ، 2017ވަނަ އަހަރަށް ފަހު އައިއެފްއާރްސީގެ މުވައްޒަފުންނަށް ދީފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު އަދި ނުރައްކާތެރި ޙަމަލާތަކެވެ.

"އަޅުގަނޑުގެ ހިތް ފަޅައިގެން ގޮސްފި. [ޝަހީދު ކޮށްލާފައިވާ] އެމްބިޔުލާންސް ޓީމުގައި ހިމެނެނީ [ޔަހޫދީންގެ ޢުދުވާނުގައި] ޒަޚަމު ކޮށްލާފައިވާ ޢާންމުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދިޔަ މީހުން. އެއީ، އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރަމުން ދިޔަ ބަޔެއް،" އައިއެފްއާރްސީގެ ސެކްރެޓަރީ ޖެނެރަލް ޖަގަން ޗަޕާގަޔީ ވިދާޅުވިއެވެ. "އެ މީހުން އަޅައިގެން ތިބި ހެދުމުގައި ޖަހާފައިވާ [ރެޑް ކްރެސެންޓުގެ] ނިޝާނުގެ މާނައަކީ އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭނެއޭ. އެ މީހުން ދަތުރު ކުރި އެމްބިޔުލާންސްގައި ވެސް ނިޝާން ޖަހާފައިވާނެ."

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ސިފައިން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ އަދަދު 1,060އަށް އުފުލިފައިވާ ކަމުގައި އދން ހާމަކުރިއެވެ. މި ކަމާ ގުޅިގެން، އދން ވަނީ ޣައްޒާގައި އިންސާނިއްޔަތަށް ޓަކައި ހަރަކާތްތެރިވަމުންދާ އދގެ މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ނިންމާފައެވެ.