ޚަބަރު

ބިންހެލުމުގައި މިޔަންމާއިން ހާލުގައި ޖެހުުނު މީހުން ކާބޯތަކެތިން މަޙްރޫމުވެ، ނިކަމެތިވެފައި


ދެކުނުއިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މިޔަންމާއިން ހާލުގައި ޖެހިފައިވާ އެތަކެއް ހާސް ބަޔަކު ކާބޯތަކެއްޗާއި ސާފު ބޯފެން އަދި ހިޔާވަހިކަމުން މަޙްރޫމުވެ، ނިކަމެތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި އެހީދޭ ޖަމުޢިއްޔާތަކުން ހާމަކޮށްފިއެވެ. މާރިޗު 28ވަނަ ދުވަހު އައި ބިންހެލުމުގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު ވަނީ 2,700އަށްވުރެ މައްޗަށް އުފުލިފައެވެ. އެ ޤައުމުގެ މެދުތެރޭގައި އޮތް މަންދަލީއާއި ނީޕީޓޯއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ބިންހެލުމުގެ އަސަރު ތައިލެންޑުގެ ވެރިރަށް ބެންގކޮކާއި ޗައިނާގެ ޔުންނާން ޕުރޮވިންސަށް ވެސް ފޯރިއެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާ މިން އަންގ ހްލައިން ބުނީ، ބިންހެލުމުގައި މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ މީހުންގެ އަދަދު 2,719އަށް އުފުލިފައިވާ ކަމުގައެވެ. އަދި، އެ އަދަދު 3,000އަށްވުރެ މައްޗަށް އުފުލޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. ބިންހެލުމާ ގުޅިގެން އިތުރު 4,521 މީހަކަށް އަނިޔާވެފައިވާއިރު، އިތުރު 441 މީހުން ގެއްލިފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައި ވެސް އޭނާ ބުންޏެވެ.

ރިކްޓަރ މިންގަނޑުން 7.7ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުން އައިސްފައި ވަނީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ތައްޔާރުވަމުން ދިޔަ ވަގުތުގައެވެ. ބިންހެލުމުގެ ލޮޅުންތަކާ ގުޅިގެން ވެއްޓުނު އިމާރާތްތަކުގެ އަދަދު ސާފުވެފައި ނެތް ނަމަވެސް، ޢާންމުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، މަދަރުސާތަކާއި، މިސްކިތްތަކުގެ އިތުރު ގިނަ އަދަދެއްގެ ފައްޅިތައް ވެސް ބިންހެލުމާ ގުޅިގެން ވެއްޓުނެވެ. އަދި، މަގުތަކާއި ބުރިތަކުގެ އިތުރުން އެހެނިހެން ޢުމްރާނީ ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކާބޯތަކެއްޗާއި، ބޯފެނާއި، ހިޔާވަހިކަން ނެތި ޢާންމުން ނިކަމެތިވެފައި

އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ން ބުނީ، މަންދަލީގައި ހުރި ޕްރީސްކޫލެއް ވެއްޓުނު ހާދިސާގައި އެ ތަނުގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ 50 ދަރިވަރުންނާއި ދެ މުދައްރިސުން މަރުވި ކަމުގައެވެ. އެ މީހުންގެ ހަށިތައް ހޯދުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

"އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ސަރަޙައްދުތަކުގައި… އެންމެ ޒަރޫރީ ބޭނުންތައް ފުއްދޭނެ މިންވަރު ވެސް ޢާންމުންނަށް ނެތް، ސާފު ބޯފެނެއް ވެސް ގައިންތާހިރުވާނެ ގޮތެއް ވެސް ނެތް، އެމަރޖެންސީތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދައި ސަލާމަތް ކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން،" އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ.

ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ އެހީދޭ ޖަމުޢިއްޔާއިން މަސައްކަަތް ކުރަމުންދާއިރު، އިންޓަރނޭޝަނަލް ރެސްކިޔު ކޮމިޓީން ބުނީ ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭސްފަރުވާއިން ގިނަ އަދަދެއްގެ ބަޔަކު މަޙްރޫމު ވެފައިވާ ކަމުގައެވެ. "ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވުނު މީހުން ގެދޮރުގައި ތިބެން ޖެހިލުންވޭ، އިތުރު ލޮޅުންތައް އަންނާނެ ކަމުގެ ބިރަށް ގިނަ މީހުން މިހާރު ނިދަމުން ދަނީ މަގުތަކުގެ މަތީގައި،" އެ ޖަމުޢިއްޔާއިން ބުންޏެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަސްކަރިއްޔާއިން ހުރަސްއެޅުން

މިޔަންމާގެ އަހުލީހަނގުރާމައާ ގުޅިގެން ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަން ވެސް އެހީދޭ ޖަމުޢިއްޔާތަކާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ހާމަކުރިއެވެ. އަދި، އެ ފަރާތްތަކުން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލުން ބުނީ، މިޔަންމާގެ ސަރުކާރުގެ ބާރު ނުހިނގާ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމުގައެވެ. އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ބުނީ، ބިންހެލުމަށް ފަހު ވެސް މިޔަންމާގެ އަސްކަރިއްޔާއިން އެ ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައެވެ.

"މިއީ މިޔަންމާގައި ޢާންމު ކަމެއް، ސަރުކާރާ ދެކޮޅު ފަރާތްތައް ދިރިއުޅޭ ސަރަޙައްދުތަކަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މިޔަންމާގެ އަސްކަރިއްޔާއިން މީގެ ކުރިން ވެސް ހުރަސް އަޅާފައިވޭ،" އެމްނެސްޓީގެ އިސް އޮފިޝަލެއް ކަމުގައިވާ ޖޯ ފްރީމަން ވިދާޅުވިއެވެ. "ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކަށް އޮތް ހުރަސްތައް އެ މީހުން [މިޔަންމާގެ އަސްކަރިއްޔާއިން] ވަގުތުން ނައްތައިލަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ތައިލެންޑުން ގެއްލިފައިވާ 74 ހޯދުމުގެ މަސައްކަތް ކުރިއަށް

ބިންހެލުމާ ގުޅިގެން ތައިލެންޑުގެ ވެރިރަށް ބެންގކޮކުގައި ވެސް އިމާރާތެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ބިންހެލުމާ ގުޅިގެން އެ ޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 20އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ބެންގކޮކުން ވެއްޓުނު އިމާރާތުގެ ދަށުގައި ތާށިވި މީހުންނެވެ. އެ އިމާރާތުގެ ދަށުގައި 74އަށްވުރެ ގިނަ މީހުން އަދިވެސް ތާށިވެފައި ތިބި ކަމަށް ބެލެވޭއިރު، އެ މީހުން ދިރިތިއްބާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ.

ބެންގކޮކުގެ ގަވަރުނަރުގެ ނައިބު ތާވިޑާ ކަމޮންވޭދް ވިދާޅުވީ، ބިމުގެ އަޑި ސްކޭން ކުރުމަށް ބޭނުން ކުރާ އާލަތްތައް ބޭނުން ކޮށްގެން އިތުރު ހަ މީހެއްގެ ހަށިގަނޑު ހޯދިފައިވާ ކަމުގައެވެ. ނަމަވެސް، އެ މީހުން ދިރިތިބި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ. އެ އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި ސަލާމަތް ކުރުމަށް ތައިލެންޑުގެ އިތުރުން ބޭރު ޤައުމުތަކުގެ ޓީމުތަކުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ވެއްޓިފައިވާ އިމާރާތް ހުރި ސަރަޙައްދުން މިހާތަނަށް 13 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ތައިލެންޑުގެ އިދާރާތަކުން ހާމަކުރިއެވެ. އެ އިމާރާތް ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ޚާއްޞަ ތަޙުޤީޤެއް ފަށާފައެވެ. ތައިލެންޑުގެ ސިނާއަތުތަކާ ބެހޭ ވުޒާރާއިން ބުނީ، އެ ތަން އިމާރާތް ކުރުމުގައި ފެންވަރު ދެރަ ދަގަނޑު ފަދަ ސާމާނު ބޭނުން ކޮށްފައިވާ ކަން ތަޙުޤީޤަށް ހާމަވެފައިވާ ކަމުގައެވެ.