ބެޓްކޮށްގެން ރެއާލް މެޑްރިޑުގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރ އޭނާއަށް 50 ޕައުންޑަށް ދަރާފައިވާ ކަމަށް ވެލެންސިއާގެ ގޯލްކީޕަރު ޖިއޯޖީ މަމަޑަޝްވިލީ ބުނެފިއެވެ.
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް އަތުން ވެލެންސިއާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މަމަޑަޝްވިލީ އާއި ވިނީޝިއުސް ބެޓްކުރީ މެޗުގެ 13 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ޖެހުމުގެ ކުރިންނެވެ. ކީލިއަން އެމްބާޕޭއަށް ފައުލްކުރުމުން ދިން ޕެނަލްޓީ ޖެހުމުގެ ކުރިން ބެޓްކުރާނަންތޯ އެހީވެސް މަމަޑަޝްވިލީއެވެ.
"އަހަރެން އޭނާ ގާތަށް ގޮސް ބުނީ ބެޓްކުރާނަންތޯ 50 ޕައުންޑަށް. އޭނާ ބުނީ އާނއެކޭ. ތިމަންނަ މޮޅުވާނެއޭ. އެކަމަކު މި ބެޓް ކާމިޔާބުމިވީ އަހަރެންނަށް. އޭނާ އެހުރީ 50 ޕައުންޑް ދޭން ޖެހިފައި. އެކަމަކު އަދި ނުދޭ،" މަމަޑަޝްވިލީ ބުންޏެވެ.
ވިނީޝިއުސް ޖެހި މި ޕެނަލްޓީ ނާކާމިޔާބުވީ ކީޕަރު ޕެނަލްޓީ މަތަކުރުމުންނެވެ. ނަމަވެސް ފަހު ހާފުގައި ގޯލެއް ޖަހައި އޭނާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ވެލެންސިއާ މޮޅުވީ އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ. މެޗަށް ފަހު ބެޓްކޮށްގެން ޖެހި ޕެނަލްޓީއާ ބެހޭ ގޮތުން ވިނީޝިއުސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
މަމަޑަޝްވިލީ އަކީ މިދިޔަ އަހަރުގެ ޔޫރޯގައި މޮޅަށް ކުޅުނު ޖޯޖިއާގެ ގޯލްކީޕަރެވެ. އެ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު އޭނާގެ ސޮއި ހޯދާފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުންނެވެ. މިވަގުތު ވެލެންސިއާގައި އޭނާ ކުޅެމުންދަނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ލިވަޕޫލަށް ބަދަލުވާނީ އަންނަ ސީޒަނުގައެވެ.
މި މެޗުން ބަލިވުމުން ރެއާލް އަށް ވަނީ އެއްވަނާގައިވާ ބާސެލޯނާއަށް ވުރެ ހަތަރު ޕޮއިންޓް ފަހަތަށް ވެއްޓިފަ އެވެ. ރެއާލް އަށް މި ވަގުތު ލިބިފައިވަނީ 63 ޕޮއިންޓާއެކު ތާވަލުގެ ދެވަނައެވެ. އެއްވަނާގައި ބާސެލޯނާ އޮތީ 67 ޕޮއިންޓާއެކު ގަ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އަށް މެޗެވެ. މީގެ ތެރޭގައި ރެއާލް އާއި ބާސެލޯނާ ކުޅުންޖެހޭ މެޗު ވެސް އެބައޮތެވެ.