އާސެނަލްގެ ނުރައްކަލަކީ އެ ޓީމު ކޯނަރުތައް ބަރާބަރުވުން ކަމަށާއި އެ ކޯނަރުތައް ދިފާއު ކުރާނެ ގޮތް ރެއާލް މެޑްރިޑުން ދަސްކޮށްފި ކަމަށް ގޯލްކީޕަރު ތިބައޫ ކޯޓުއާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ކޯޓުއާ ބުނީ އާސެނަލް އަކީ މިވަގުތު ޔޫރަޕުގައި އޮތް އެންމެ މޮޅު އެއް ޓީމު ކަމަށާއި އެ ޓީމަށް ފުރިހަމަ އަށް އިހްތިރާމް ކުރާނެ ކަމަށެވެ.
ސެޓް ޕީސްތަކަށް އާސެނަލް މޮޅުއިރު މިއީ މި ސީޒަނުގައި ރެއާލްގެ އެންމެ ބޮޑު ބަލިފަޔެވެ. ސްޕެނިޝް ލީގުގައި މި ހަފުތާގައި ވެލެންސިއާ އަތުން ބަލިވީ ވެސް ކޯނަރަކުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
"އަހަރުމެން އިއްޔެ އެކަމަށް ފަރިތަކުރުން. އަހަރުމެންނަށް އެނގޭ އަހަރުމެން ކިހިނެތްކަން ޑިފެންސް ކުރަންވީ. ފުރަތަމަކީ މާ ގިނަ ކޯނަރުތަކެއް އެމީހުންނަށް ނުދިނުން. ދެ ވަނަ ކަމަކީ ކޮންސަންޓްރޭޝަން ރަނގަޅު ކުރުން. ދަނޑުމަތީގައި ހަރަކާތްތެރިކަން އިތުރުކުރުން. ބައެއް ފަހަރު އިދިކޮޅު ޓީމަކީ މިކަހަލަ ކަންކަމަށް ވަރަށް ކޮލިޓީ ޓީމަކަށް ވެދާނެ. އެމީހުން ބޯޅަ ރަނގަޅަށް ފޯރުކޮށްދޭނަމަ އަހަރުމެން ތިބެންޖެހޭނީ ވަރަށް ރަނގަޅަށް ޕޮޒިޝަން ވެގެން. އެކަމަކު މިގޮތަށް ޑިފެންސް ކުރުމަކީ ވެސް އުނދަގޫ ކަމެއް،" ކޯޓުއާ ބުންޏެވެ.
މިއީ ފާއިތުވެދިޔަ 19 އަހަރު ތެރޭގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. ޖުމުލަ 15 ފަހަރު ތަށި ހޯދާފައިވާއިރު ފާއިތުވެދިޔަ 11 އަހަރު ތެރޭގައި ވަނީ ފަސް ފަހަރު ތަށި ކާމިޔާބުކޮށްފަ އެވެ. މިއާ ހިލާފަށް އާސެނަލް އަކީ މި މުބާރާތުގެ ތަށި ހޯދިފައިވާ ބައެއްނޫނެވެ.
އަނެއްކޮޅުން ލީގު ފޯމަށް ބަލާއިރު ރެއާލް މެޑްރިޑް މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ދެ ވަނާގަ އެވެ. އެއީ އެއްވަނާގައިވާ ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް ފަހަތުންނެވެ. އާސެނަލް އަކީ އިނގިރޭސި ޕްރެމިއާ ލީގުގެ ދެ ވަނަ ޓީމެވެ. މިއީ އެއްވަނާގައިވާ ލިވަޕޫލަށް ވުރެ 11 ޕޮއިންޓް މަދުން ލިބިގެންނެވެ. އަދި ޗެމްޕިއަންސް ލީގުގައި އާސެނަލް އަލުން ކުޅެން ފަށާފައިވަނީ ދިގު ހުސްކަމަކަށްފަހު 2023ގަ އެވެ.
ނަމަވެސް ކުރިން ޗެލްސީ އަށް ކުޅުނު ކޯޓުއާ ބުނީ އާސެނަލް އަކީ މިހާރު އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެމީހުން ތައްޓެއް ހޯދުމަކީ ދާދި ގާތުގައިވާ ކަމެއް ކަމަށެވެ.