ސްކޫލުތަކުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތުތައް ޝަރަފްވެރިކުރުމަށް ހަމަޖައްސާ މެހެމާނުންނަކީ މުޖުތަމަޢު ޤަބޫލުކުރާ އަދި އަޚްލާޤީ ގޮތުން ދަރިވަރުންނަށް ނަމޫނާއަކަށްވާ ފަދަ ބަޔަކަށް ވާންޖެހޭނެކަމަށް ކަނޑައަޅައި ޚާއްސަ އުސޫލެއް އެކުލަވާލައިފިއެވެ.
މީގެ ކުރިން އަމަލުކުރަމުން ދިޔައީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހުގައި ނެރުނު އުސޫލަށެވެ. އޭގައި، ސްކޫލުތަކުގައި ބާއްވާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހްމާނުން ހަމަޖެއްސުމުގައި ބަލާނެ މިންގަޑުތަކެއް ނުވަތަ ވަކި އުސޫލެއް ހަމަޖެއްސުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައަޅުއްވާފައެއްނުވެއެވެ.
ތަޢުލީމީ ވުޒާރާއިން ނެރުނު އައު އުސޫލުގައި ހަފްލާތައް ޝަރަފުވެރި ކުރުމަށް ހަމަޖައްސާ ފަރާތަކީ މުޖުތަމަޢު ޤަބޫލުކުރާ އަދި އަޚްލާޤީ ގޮތުން ދަރިވަރުންނަށް ނަމޫނާއަކަށްވާ ފަދަ ބޭފުޅަކަށް ވާންޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ. ހަމަމިއާއެކު އެއްވެސް ބާވަތެއްގެ ޖިނާޢީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ ނުވަތަ އެފަދަ ކުށެއްގެ ތަހުޤީޤެއްކުރާ މީހެއް ސްކޫލުތަކުގައި ބާއްވާ އެއްވެސް ، ޖަލްސާއެއް ޝަރަފުވެރި ނުކުރެވޭނެކަމަށާއި، ކުށެއް ސާބިތުވެފައިވާމީހެއްނަމަ އޭނާ ވާންޖެހޭނީ އެ ކުށުގެ ހުކުމް ތަންފީޒުކޮށް ނިންމިތާ 10 އަހަރު ވެފައިވާ މީހެއްކަމަށްވެސް އެ އުސޫލުގައި ބަޔާންކުރައްވާފައިވެއެވެ.
މީގެ އިތުރުން، ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމުގެ ކުށެއް ސާބިތުވެ އަދި އެފަދަ ރިކޯޑެއް އޮތް މީހަކަށް، ސްކޫލުގެ އެއްވެސް ރަސްމިއްޔާތެއް ޝަރަފެއް ނުކޮށްދެވޭނެ ކަމަށްވެސް އައު އުސޫލުގައިވެއެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުވި އައު އުސޫލުގައި ޝަރަފުވެރި މެހެމާނުން ކަނޑައެޅުމުގައި ބަލާނެ ގިންތިތައްވެސް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ރަސްމީ ދުވަސްތައް ފާހަގަކުރާ ރަސްމިއްޔާތުތައް ޝަރަފުވެރި ކޮށްދޭނީ އެ ވުޒާރާއިން ކަނޑައަޅާ މީހެކެވެ. އެއީ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ދައުލަތުގެ ތިން ބާރުގެ ވެރިންނާއި، ވަޒީރުންނާއި، މަޖިލީހުގެ މެމްބަރުންގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެ ކަނޑައަޅާފައިވާ ސަފިރުންނަކީ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގައި ވަކި ޕްރޮޓޮކޯލެއްގެ ތެރެއިން ކަންކަން ފަހިވެފައިވާ ފަރާތްތަކަކަށް ވާތީކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޝަރަފުވެރި މެހެމާނުން ހަމަޖައްސާނީ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އަދި ސްކޫލުގެ އަހަރީ ދުވަސްތަކުގެ ތެރެއިން ވުޒާރާއިން ރަސްމީކޮށް ފާހަގަކުރާ އަހަރީ ދުވަސްތަކަށެވެ. އަހަރީ ދުވަސްތައް ފިޔަވައި ދެން ބާއްވާނީ ސްކޫލު ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތައް ކަމަށް އުސޫލުގައިވެއެވެ. ވުމާއެކު، އެ އަހަރުތައް ފާހަގަކުރާ ހަފުލާ ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ މިނިސްޓްރީއާ މަޝްވަރާކޮށްގެން ހަމަޖައްސާ ބޭފުޅެކެވެ.
މީގެ ކުރިން އަމަލުކުރަމުންދިޔަ އުސޫލުގައިވެސް ސްކޫލުތަކުގެ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުން ކަނޑައެޅުމުގައި ބަލާނެ ގިންތިތަކެއް ހަމަޖައްސައިފައިވެއެވެ. އެގޮތުން ސްކޫލުގައި ބާއްވާ ރަސްމިއްޔާތުތައް ދައުލަތުގެ އިސްވެރިން ޝަރަފުވެރި ކޮށްދެއްވާނީ ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުން 60 ޕަސެންޓް ފާސް ނަތީޖާއެއް ނެރެފައިވާ ސްކޫލުތައް ކަމުގައި އޭރު ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލުތައް ނުވަތަ ސާނަވީ އިމްތިހާނު ނިންމާ އިމްތިހާނުތަކުން ތިން މާއްދާއިން ސައްތަ އިންސައްތަ ފާސްވެފައިވާ ނަމަ، އެ ބޭފުޅުންނަށް ދައުވަތު ދެވޭނެކަމަށް ކުރީގެ އުސޫލުގައިވެއެވެ. އެހެންނަމަވެސް، އެގޮތަށް ދައުވަތު ދެވޭނީ ވުޒާރާއަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ.