ޚަބަރު

ހަނގުރާމަ ހުއްޓާލައި އަސީރުން މިނިވަން ކުރުމަށް ގޮވާލި ޕައިލެޓުން ޔަހޫދީ އަސްކަރިއްޔާއިން ވަކި ކުރަނީ


ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ކުރަމުންދާ ހަނގުރާމަ ހުއްޓާލައިގެން ނަމަވެސް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ ޔަހޫދީން މިނިވަން ކުރަންޖެހޭނެ ކަމަށް ބުނަމުންދާ ޔަހޫދީ ފައުޖުގެ ޕައިލެޓުން އަސްކަރިއްޔާއިން ވަކި ކުރާނެ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެފިއެވެ.

ޔަހޫދީ އަސްކަރިއްޔާއަށް ނިސްބަތްވާ ރިޒާވް ޕައިލެޓުންނާއި ކުރީގެ ޕައިލެޓުންގެ 1،000އެއްހާ މީހުން ސޮއިކޮށް އަސީރުން މިނިވަން ކުރުމަށް ޔަހޫދީ ސަރުކާރަށް ގޮވާލާފައިވާ ސިޓީއެއް ވަނީ އާންމު ކޮށްފައެވެ. އިޒްރޭލުގެ އެތައް ނޫހެއްގައި އެ ސިޓީ ޝާއިޢު ކޮށްފައިވާ އިރު އެއީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސަތުތަކަށް ގޮންޖަހާފައިވާ ސިޓީއެކެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީން މިނިވަން ކުރެވޭނީ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް އިތުރު ކޮށްގެން ކަމަށް ނަތަންޔާހޫ ބުނަމުން ދިޔަ ނަމަވެސް ސިޓީގައި ފާހަގަ ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަކީ ސިޔާސީ އަދި އަމިއްލަ މަންފާއަށް ކުރާ ހަނގުރާމައެއް ކަމަށެވެ. އެ ހަނގުރާމައިން އެއްވެސް ސަލާމަތީ މަޤުސަދެއް ޙާޞިލް ނުވާ ކަމަށާއި ޣައްޒާގައި ކުރާ ހަނގުރާމަ ކުރިއަށް ގެންދާނަމަ އަސީރުންނާއި ސިފައިންނާއި ކުށެއް ނެތް އާންމުން މަރުވާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ. ހަމަ އެހެންމެ ރިޒާވުންގެ ގޮތުގައި ތިބި ސިފައިން ވެސް ހުސްވަމުން ދާނެ ކަމަށް ސިޓީގައި ބުނެފައިވެއެވެ. އަސީރުން މިނިވަން ކުރެވޭނެ ހަމައެކަނި މަގަކީ ޙަމާސާއެކު އެއްބަސްވުމެއް ޤާއިމު ކުރުން ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީއާ ގުޅިގެން ޔަހޫދީ އަސްކަރިއްޔާގެ އިސްވެރިއެއް ބުނީ ސިޓީގައި ސޮއިކޮށްފައިވާ އަަދި މިހާރު ވެސް ޚިދުމަތް ކުރަމުންދާ ރިޒާވް ޕައިލެޓަކަށް ވައިގެ އަސްކަރިއްޔާގައި ދެން ޚިދުމަތް ނުކުރެވޭނެ ކަމަށެވެ. ނަތަންޔާހޫ ވެސް އެ ގޮތަށް ފިޔަވަޅު އެޅުމަށް ތާއީދު ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޔަހޫދީން ޣަައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކަށް ކެތްނުކުރެވިގެން ޙަމާސުން ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީންނަށް ޖިހާދީ ޙަމަލާއެއްދީ އެ މީހުންގެ 250އެއްހާ މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. އެ ޙަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން ފެށި ހަނގުރާމަ މިދިޔަ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު މެދުކަނޑައިލީ ޔަހޫދީންނާއި ޙަމާސާ ދެމެދު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމާސުން ވަނީ އެތައް އަހަރެއް ވަންދެން ޔަހޫދީ ޖަލުތަކުގައި ބަންދު ކޮށްފައި ތިބި ފަލަސްޠީނުގެ 1800އެއްހާ ރައްޔިތުންގެ ބަދަލުގައި 33 އަސީރުން ޗަނީ މިނިވަން ކޮށްފައިވެއެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި 58 އަސީރުން ތިބި ކަމަށް ބެލެވޭއިރު ޔަހޫދީން ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ މިދިޔަ މާރިޗު މަހުގެ ތެރޭގައި އަނެއްކާ ވެސް ވަރުގަދަ ޙަމަލާތައް ޣައްޒާއަށް ދޭން ފެށުމުން އަސީރުން ބަދަލު ކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.