ނިމުނު ހަފުތާވެސް ފާހަގަކޮށްލެވެނީ ގިނަ ދާއިރާތަކަކުން އެކިއެކި ކަންކަން ހިނގައިދިޔަ ހަފުތާއެއްގެ ގޮތުގައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންނެވީ ނިމުނު ހަފުތާގެ ހޮނިހިރު ދުވަހުއެވެ.
ދުންފަތް ބޭނުންކުރުން މަނާކުރާނެ ޢުމުރުފުރާއެއް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިޔާގައި ޢާންމުކުރެއްވި ޕޯލްގެ ވޯޓުލުން ނިންމަވާލައްވާފައިވަނީ ނިމުނު ހަފުތާގައެވެ. މި ޕޯލުގައި އެންމެ ގިނަ ބަޔަކު އެދިފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވި އަދި އުފަންވަމުންދާ އެއްވެސް ފަރާތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށެވެ.
ރައްޔިތުންނާ ގާތުން މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުން ކުރިއަށްގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑް ގެނެސްދީފައިވަނީވެސް ނިމުނު ހަފުތާގައެވެ. މި އެޕިސޯޑުގައިވެސް ގިނަ ކަންތައްތަކެއް ރައީސް އިޢުލާންކުރެއްވިއެވެ. އޭގެ ތެރޭގައި ސްކޫލްތަކަށް ޢުމްރާނީ ވަޞީލަތް ހަމަކުރުމުގެ 600 އަށްވުރެ ގިނަ މަޝްރޫޢުު ހިނގަމުންދާކަމާއި ކްލާސްރޫމްތަކުގެ އިތުރަށް ސްކޫލްތަކުގެ ހޯލްތައްވެސް އޭސީކުރަން ނިންމަވާފައިވާކަން އިޢުލާންކުރެއްވުން ހިމެނެއެވެ. އަދި ލޯނުގައި ކިޔަވާ ދަރިވަރުން ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ހުރިހާ ރަށަކަށް ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނިމުނު ހަފުތާގައި ރައީސްގެ ނިންމެވުންތަކަށް ބަލާލާއިރު، ދަތުރުފަތުރު ދާއިރާގައި ހިނގާ ހާދިސާތައް ތަހުޤީޤު ކުރުމަށް ހާއްސަ އިދާރާއެއް ރައީސް އުފެއްދެވީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. އަދި އިންޓެގްރޭޓެޑް ޓޫރިޒަމް ތަރައްޤީކުރުމަށް ހޯނޑެއްދޫގެ އިޚްތިޞާސަށް ބަދަލުގެންނެވުމަށް ރައީސް ނިންމެވީވެސް ނިމުނު ހަފުތާގައެވެ.
މީގެ އިތުރުން ނިމުނު ހަފުތާގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ މޯލްޓާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި މޯލްޓާގެ ކެބިނެޓުގެ އެކިއެކި ވަޒީރުންނާ ޚާރިޖީ ވަޒީރު ބައްދަލުކުރެއްވިއެވެ. މޯލްޓާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޚާރިޖީ ވަޒީރު ވަނީ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް ވަޑައިގެންފައެވެ.
ނިމުނު ހަފުތާގައިވެސް ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަ ކަންތައްތަކެއް ހިނގައިދިޔައެވެ. އެގޮތުން 18 ރަށެއްގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ ނިމިދިޔަ ހަފުތާގައެވެ. އަދި ރާއްޖޭގެ 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އަދި އައްޑޫގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. އަދި ހުއްޓިފައި އޮތް ހަނިމާދޫ މިސްކިތް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
ނިމުނު ހަފުތާގައި މަސައްކަތް ފެށި މަޝްރޫޢުތަކަށް ބަލާލާއިރު އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލްގެ ބިންގާ މިދިޔަ ބުރާސްފަތި ދުވަހު އަޅާފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ޖުޑިޝަލް ސަރވިސް ކޮމިޝަންގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައި އެ ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަނުކުރުން ފާހަގަކޮށްލެވެއެވެ.
ހަމައެއާއެކު އިންޓަރ ޕާލިމެންޓަރީ ޔޫނިއަންގެ އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލްކުރާ 3 މަޤާމަކަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރުން އިންތިޚާބުވެވަޑައިގަތީވެސް ނިމުނު ހަފުތާގައެވެ.
ނިމުނު ހަފުތާގައި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ރާއްޖޭގެ ލޮނު އުފައްދާ ފުރަތަމަ ފެކްޓްރީ ދިއްދޫގައި ހުޅުވުން ފާހަގަކޮށްލެވެއެވެ. އަދި މި އަހަރުގެ ފިޠުރު ޢީދާ ގުޅުވައިގެން ސަރުކާރުން ކުރިއަށްގެންދިޔަ ޢިދު އަލި ހަރަކާތް ނިންމާލާފައިވަނީވެސް ނިމުނު ހަފުތާގައެވެ. ހަމައެއާއެކު މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ސްކޫލް ދަރިވަރުން ފަށާފައިވަނީވެސް ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ.
މީގެ އިތުރުން ގޭގައި ތިބެގެން ޑިޓޮކްސްގެ ފަރުވާ ދިނުމަށް 100 އަށްވުރެ ގިނަ ރަށްރަށުގައި ކޮމިއުނިޓީ ރީ-އިންޓަގްރޭޝަންގެ ޚިދުމަތް ފަށާފައިވަނީވެސް ނިމުނު ހަފުތާގައެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ، އިޤުތިޞާދީ އަދި ޚާއްސަކޮށް ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކެއް ނޫސްތަކުގެ ސުރުޚީތަކުން ފެނުނެވެ.