ޚަބަރު

ތިނަދޫ ސިޓީގައި އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް


  • ކޭމްޕް ކުރިއަށްދާނީ މިމަހުގެ 24އިން 26 އަށް

  • އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ

ރައްޔިތުންނާއި ގާތުން ސިއްހީ ޚީދުމަތް ފޯރުކޮށް ދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ތިނަދޫ ސިޓީގެ ޑރ. ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މިކޭމްޕުގެ ތެރެއިން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓު ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެޕޮއިންޓްމަންޓް ހެދުމަށް ގުޅަންޖެހެނީ 1555އަށެވެ.

މި ކޭމްޕް ކުރިއަށްދާނީ މިމަހުގެ 24އިން 26ގެ ނިިޔަލަށެވެ. މި ކޭމްޕަކީ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި ސިއްހަތާބެހޭ ވުޒާރާއާއި ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ޢޯ.ޕީ.ޑީގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ފަސޭހަނުވެ ގިނަދުވަސްވެފައިވާ ފާރުގަނޑުތަކަށް ފަރުވާދިނުމާއި، ފަޅާނުލައި ކެމަރާލައްވައިގެން ކުރާ ލެޕްރޮސްކޮޕިކް އޮޕަރޭޝަންތައް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކަފާލައިގެންކުރާ އޮޕަރޭޝަންތަކާއި ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުމުގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންނަށް މަޢުލޫމާތު ދިނުމާއި ތަމްރީނުދިނުމަށްވަނީ ހަމަޖެހިފައެވެ.

މިކޭމްޕުގައި އާންމު އޮޕަރޭޝަންތަކަށް އަދި ވުންޑްކެއަރއަށް ޚާއްސަ ޑޮކްޓަރަކާއި، އާންމު އޮޕަރޭޝަންތަކާއި ލެޕްރޮސްކޮފިކް އޮޕަރޭޝަންތަކުގެ ޚާއްސަ ޑޮކްޓަރަކާއި، ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑްކެއަރގެ ޚާއްސަ ޑޮކްޓަރެއް ބަލި މީހުންނަށް ފަރުވާދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާއްސަ ޑޮކްޓަރަކާއި، ގޮހޮރުގެ އަދި ބެރިއަޓްރިކް ސާޖަރީގެ ޚާއްސަ ޑޮކްޓަރަކާއި ހޭނެއްތުމާއި އަދި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން، ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްސަ ޑޮކްޓަރެއް، ބަލި މީހުންނަށް ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އާންމު އޮޕަރޭޝަންތަކަށް އަދި ވުންޑްކެއަރއަށް ޚާއްސަ ޑރ. އިބްރާހީމް ޢާދިލަށް ދެއްކުމަށް ރަނގަޅު ހާލަތްތައް:

ފަސޭހަނުވެ ގިނަޒަމާންވީ ފާރުގަނޑުތައް
ގައިގައި ނަގާފައިހުންނަ ދުޅަތަކާއި ކުދި އޮޕަރޭޝަންކުރަން ބޭނުންވާ މީހުން
އާންމު އޮޕަރޭޝަންތަކާއި ގުޅޭ ބަލިތައް ހުންނަ މީހުން

އާންމު އޮޕަރޭޝަންތަކާއި ލެޕްރޮސްކޮފިކް އޮޕަރޭޝަންތަކަށް ޑރ.ޢަބްދުﷲ ޢުބައިދަށް ދެއްކުމަށް ރަނގަޅު ހާލަތްތައް:

އާންމު އޮޕަރޭޝަންތަކާގުޅޭ ހުރިހާ ހާލަތްތަކުގައި
ހިތުގައި ހިލަ އުފެދުން، ބަނޑުގެ ހާނިޔާ، އުރަމަތީގެ ގަނޑުލުން، ތައިރޮއިޑް ދުޅަވުން
ފުރަގަސްފަރާތުގެ ބަލިތައް، ފައިގެ ލޭނާރުތައް ދުޅަވުން
އެންޑޮސްކޮޕީ ނުވަތަ ކޮލޮނޮސްކޮޕީ ހަދަން ލަފާދީފާވާނަމަ

ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާޢްސަ ޑރ.މުޙައްމަދު ޝިފާނަށް ދެއްކުމަށް ރަނގަޅު ހާލަތްތައް

ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލިމީހުން
އާއިލާގައި ކެންސަރުގެ ބަލިހުރި ޢާއިލާތަކުގެ މެމްބަރުން
ކެންސަރުބަލީގައި ފަރުވާ ހޯދާފައިވާ ބަލިމީހުން
ކެންސަރުބަލީގެ އެޑްވާންސް ސްޓޭޖްތަކުގައިވާ މީހުން

މިއަހަރުގެ ޖެނުއަރީމަހު ވަނީ ލަންކާގެ ބިޒްނަޒް ކައުންސިލާއި ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން އެރަށުގައި އައިކޭމްޕެއްވެސް ބާއްވާފައެވެ.