ދުންފަތް މަނާވާ އުމުރުފުޅާ ކަނޑައެޅުމާއި ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރެއްވި ވީޑީއޯގައި އެމަނިކުފާނު ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމާ ގުޅޭ ބައެއް ތަފާސް ހިސާބުތައް ހިއްސާކޮށްދެއްވާފައެވެ.
މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކް ސަރވޭ 2022 އާ ހަވާލާ ދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ގައިން ގައިން ނާރާ ބަލިތައް ގިނަވުމާއި ނުކުޅެދުންތެރިކަމަށް ހުޅަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ކަމަށެވެ. އަދި ރާއްޖޭގައި ބަލިތަކާއި ގުޅިން މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު %84 މީހުން މަރުވަނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ޖެހޭ ގައިންގައިން ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން 2021 ވަނަ އަހަރު ހެދުނު ގައިގައިން ނާރާ ބަލިތަކާއި ބެހޭ ސަރވޭއާއި ހަވާލާދެއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ 15 އަހަރާއި 29 އަހަރާއި ދެމެދުގެ %28.1 މީހުން ދުންފަތުގެ އިސްތިޢުމާލު ކުރާކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ތަފާސްހިސާބުތަކުގެ އިތުރުން ދުނިޔޭގައި، ހެދިފައިވާ ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭއާއި ހަވާލާ ދެއްވާ އެމަނިކުފާނު ވަނީ ސްކޫލަށް ދާ އުމުރުފުރާގެ ކުދިންގެ ތެރެއިން %45 ނިކޮޓިން މާއްދާ ހިމެނޭ ބާވަތެއް ބޭނުންކުރާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ މިކަމަކީ ރާއްޖެ ފަދަ އާބާދީއެއްގައި ވިސްނާލަން ޖެހޭ މުހިންމު ކަންތައްތަކެއް ކަމަށެވެ.
"ރާޢްޖޭގެ އާބާދީއަކީ 411،741 ދިވެހިން. އެހެންވީމަ މި އާބާދީގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް މަރުވި މީހުން އުނިކޮށް ބަލާއިރު ބާކީ އަދަދަކީ، 102،402 މީހުން. މިއީ ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ މުޅި އާބާދީ އަދި ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން މިޖެހޭ ބަލިތަކުން ސަލާމަތްވުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ. އެގޮތުން ޖެނެރޭޝަނަލް ބޭން އެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުމަށް، “ޖެނެރޭޝަނަލް ބޭން” ކަނޑައެޅުއްވުމާމެދު ގޮތެއް ނިންމެވުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ pic.twitter.com/PGdsaWRMsA
— The President's Office (@presidencymv) April 13, 2025
މިކަމާ ގުޅޭ ސަރވޭތައް މީސްމިޑީއާ މެދުވެރިކޮށް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި މަޝްވަރާކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ކަމުން، މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދުންފަތް މަނާކުރާ އުމުރާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮންލައިން ޕޯލެއްވެސް ނަންގަވާފައެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސޯޝަލް މީޑިއާގައި އެމަނިކުފާނު ޢާންމުކުރި ޚިޔާލު ހޯދުމުގެ ޕޯލަށް ގިނަ ބަޔަކު ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.