ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢަށް ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 287 މިލިޔަން ރުފިޔާގެ ލޯނު އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހި ސަރުކާރާއި ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓާއި ދެމެދުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މުރުޝިދެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢަށް ސައުދީ ފަންޑުން ދީފައިވަނީ 63 މިލިޔަން ރިޔާލް ނުވަތަ ގާތްގަނޑަކަށް 287 މިލިޔަން ރުފިޔާގެ ލޯނެކެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫއަށް ހަމަޖެހިގެން ދިޔަ އިތުރު މާލީ އެހީގެ ސަބަބުން މި މަޝްރޫއު އަވަސް ސްޕީޑެއްގައި ނިމުމަށް އެހީތެރި ވެގެން ދާނެކަމަށެވެ. އަދި މި މަޝްރޫޢު ނިމުމާއެކު، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ގިނަ ފައިދާތަކެއްވެސް ލިބިގެންދާނެކަމަށެވެ.
އެގޮތުން ފަތުރުވެރިންނަށާއި އިތުރު އެއަރލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ ގުޅުންހުރި ސިނާއަތްތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ޤައުމީ އުފެއްދުންތެރިކަމުގެ މައިގަނޑު ބައެއް ޙިއްސާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
ސަޢޫދީ ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ވަރަށް މުހިންމު ބައިވެރިއެކެވެ. ސަޢުދީ ފަންޑުން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ފޯރުކޮށްދީފައެވެ. ޚާއްޞަކޮށް، 2024 ވަނަ އަހަރުގެ މޭ މަހު، ސަޢުދީ ފަންޑުން ވަނީ މުހިންމު ދެ މަޝްރޫޢުއަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށެވެ. މީގެ މަޤްޞަދަކީ ފަތުރުވެރިކަމާއި އިޤްތިޞާދީ ކުރިއެރުން އިތުރުކުރުމެވެ. އަދި 50 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިން ހޮސްޕިޓަލެއް އިމާރާތްކޮށް، ޞިއްޙީ ޚިދުމަތްތައް ފުޅާކުރެވޭނެއެވެ.
ސަޢޫދީ ފަންޑަކީ 1974 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށެވެ. މި ފަންޑުގެ މަޤްޞަދަކީ ލުއި ލޯނާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީ އަށް މަސައްކަތް ކުރުމެވެ. މި ގޮތުން ސަޢުދީ ފަންޑުން އެހީ ފޯރުކޮށްދިނުމުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.