މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދަޢުލަތަށް 350 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަދަދަކީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީއާ އަޅާބަލާއިރު %9 އިތުރު އަދަދެކެެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރިޗުމަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަދަދު މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު ވަނީ އެެއްހަމައެއްގައި ހިފެހެއްޓިފައެވެ. އެގޮތުން 2024 އަދި 2025 ވަނަ އަހަރުގެ މާރިޗުމަހު ދިވެހިރާއްޖެއަށް 4.4 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، އިންޑީއާ، ޗައިނާ، ސިންގަޕޫރު އަދި ސްރީލަންކާއިންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި ޤައުމުންތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.
• ޔޫ.އޭ.އީ - 1337 މިލިޔަން ރުފިޔާ
• އިންޑިއާ - 713 މިލިޔަން ރުފިޔާ
• ޗައިނާ - 514 މިލިޔަން ރުފިޔާ
• ސިންގަޕޫރު - 356 މިލިޔަން ރުފިޔާ
• ސްރީލަންކާ - 249 މިލިޔަން ރުފިޔާ
މިިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލުގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވީނަމަވެސް، އެކްސްޕޯޓްކޮށްފައިވާ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއިން 204 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 124 މިލިޔަންގައެވެ. އެހެންކަމުން މިއީ 65 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، އިންގިރޭސިވިލާތް، ވިއެޓްނާމް، ބަންގްލަދޭޝް އަދި ޖަރުމަންވިލާތުންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
• ތައިލޭންޑް - 118 މިލިޔަން ރުފިޔާ
• އިނގިރޭސިވިލާތް - 42 މިލިޔަން ރުފިޔާ
• ވިއެޓްނާމް - 8 މިލިޔަން ރުފިޔާ
• ބަންގްލަދޭޝް - 7 މިލިޔަން ރުފިޔާ
• ޖަރުމަންވިލާތް - 5 މިލިޔަން ރުފިޔާ
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އޭގެތެރެއިންވެސް އެންމެ ގިނައިން އެކްސްޕޯޓްކުރީ ކަޅުބިލަމަހުގައި އުފައްދާފައިވާ މަސްދަޅެވެ. އެއީ މުޅި ޖުމްލަ 46 މިލިޔަން ރުފިޔާއެވެ.