މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެންނެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. އަލިހަވާ / މާލެ ރާއިފް ޔޫސުފް (28 އަހަރު) އާއި ރާއިގް ޔޫސުފް (28 އަހަރު) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހުއެވެ.
އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، އެހެނިހެން ބައެއް ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެތެރޭގައި ފްލޭވަރ ފުޅިތަކަކާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކާއި، ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތަކެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީޤު ކުރަމުންނެވެ.