ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ވޮލީބޯޅައިގެ ގައުމީ ސްކޮޑުތަކެއް ކަނޑައާޅާނެ ކަމަށާއި، އެގޮތުން 12 އަހަރުން ފެށިގެން 23 އަހަރާ ދެމެދު އުމުރުފުރާތަކުގެ ގައުމީ ވޮލީ ޓީމުތައް އެކުލަވާލާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ރަށްރަށުން ކުޅުންތެރިން ބައިވެރިކޮށްގެން ޒުވާނުންގެ މަރުކަޒުގައި ވަނީ ޓްރައިއައުޓްސްތަކެއް ބާއްވާފައެވެ. މި މަހުގެ 17 އިން 19 އަށް މި ޓްރައިއައުޓްސްތައް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމު އެކުލަވާލުމަށެވެ. "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ލަތީފް ވިދާޅުވީ ރާއްޖޭގައި ވޮލީގެ ޖޫނިއަރ ސްކޮޑެއް ނެތްތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޖޫނިއަރ ޓީމެއް ނެތްތާ ވަރަށް ދުވަސްވެއްޖެ. އަޅުގަނޑުމެންގެ ޖޫނިއަރ ސްކޮޑެއް ނެތުމުގެ ސަބަބުން ވަރަށް ބޮޑު ގެޕެއް ސީނިއަރ ޓީމާ ދޭތެރޭގައި އެބައޮތް. އެ ގެޕް ކުޑަކުރުމަށްޓަކައި މި ޕްރޮގްރާމުގެ ތެރެއިން ފެށިގެންދާނެ 12 އަހަރުން ފެށިގެން 23 އަހަރާއި ދޭތެރޭގެ އުމުރުފުރާތަކުގެ ގައުމީ ސްކޮޑެއް އެކުލަވާލުން. އަޅުގަނޑުމެން ދާނީ މަޑުމަޑުން ކުރިއަށްގެންދަމުން. މީ އެންމެ ފުރަތަމަ 23 އަހަރުން ދަށުން ފެށިގެން މިދަނީ." ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި 12 އަހަރުން ފެށިގެން ގޮސް 23 އަހަރާ ދޭތެރޭގެ އުމުރުފުރާތަކުގެ ޓީމުތައްވެސް އެކުލަވާލެވޭނެ ކަމަށެވެ. އަދި ވޮލީން ރާއްޖެއަށް މެޑެއްޔެއް ހޯދުމުގެ އަމާޒުގައި މި އަހަރު ބޭރުގެ ކޯޗަކާއއެކު ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީގައި މެޑެއްޔެއް ހޯދުމަކީވެސް އަމާޒެއް ކަމަށެވެ.
ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ގައުމީ ޓީމު އެކުލަވާލުމަށް ގެނެސްފައިވަނީ ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީގެ މަޝްހޫރު އަދި މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިދީފައިވާ އީރާނުގެ ކުރީގެ ގައުމީ ކޯޗު އަލީ ޕޫރް އަރުޖީއެވެ.