ޚަބަރު

"ހޯޕް އައިލެންޑް" ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ


  • އެތަން ތަރައްޤީކުރަނީ 700 މީހުންނަށް ޚާއްސަކޮށްގެން

  • އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވޭ

ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

ކުރިން "ހޯޕް އައިލެންޑް" ދ. ވާނީގައި ތަރައްޤީކުރުމަށް ނިންމާފައި އޮތްނަމަބެސް މިހާރު އެތަން ތަރައްޤީކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވަނީ މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ހުޅުވާލާފައެވެ. އެގޮތުން މިމަހުގެ 27 ވަނަ ދުވަހާހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢުގައި ހިމެނެނީ އެތަން ތަރައްޤިކުރުމަށް ބިން ހިއްކުމާއި ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމާއި ބެނުންވާ ވަޞީލަތްތައް ތަރައްޤީކުރުމެވެ.

އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ. އެގޮތުން އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓްއަކާއި ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން އެތަނުގައި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއި އެކި ކަހަލަ ހަފްލާތައް ބޭއްވުނަށް ޚާއްސަ ސަރަޙައްދަކާއި އެތަނަށް ގެންނަށްކުދިންނާ ބެލެނިވެރިންނަށް ބައްދަލުކުރުމަށް ޚާއްސަ ސަރަޙައްދެއްވެސް ތަރައްޤީކުރާނެއެވެ. ހޯޕް އައިލެންޑް ތަރައްޤީކުރަނީ މި ހުރިހާ ޚިދުމަތްތައް ހިމަނޭހެން އަސާސީ ހުރިހާ ޚިދުމަތްތަކާއެކުގައެވެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު ނުވަތަ ހޯޕް އައިލެންޑް" މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ހޯޕް އައިލޭންޑްގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދެވޭނެއެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ހޯޕް އައިލެންޑަށް ގެންދާކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެކަމަށް މީގެ ކުރިން ސަރުކާރުން ވިދާޅުވެފައެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު އިޙްސާން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅިވެފައިވެއެވެ.