ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންދާ ފަރަންސޭސިވިލާތުގެ ޓީމު ކުރިއަށްދާން ބޭނުންނަމަ ގިނަ ލަނޑު ޖަހަން ޖެހޭނެ ކަމަށް އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ 32 ޓީމުގެ ބުރުގައި ސްވިޑްން އާއި ރޭ ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އެމްބާޕޭ ބުނީ ފަރަންސޭސި ޓީމުގެ މަޤްސަދަކީ މިފަހަރުގެ މުބާރާތުގައި ދެވޭ އެންމެ ދުރަކަށް ދިއުން ކަމަށެވެ.
ޖުލައި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް މުބާރާތުގައި ދެމި އޮތުން ކަމަށާއި މިސްޓޭޑިއަމްއަށް އެނބުރި އައިސް ވޯލްޑް ކަޕްގެ ތަށި ކާމިޔާބު ކުރުންކަމަށްވެސް ފަރަންސޭސި ޓީމުގެ ކެޕްޓަން ބުންޏެވެ. އަދި ރަންބޫޓަށް ވާދަކުރުމަށްވުރެ ބޮޑަށް އޭނާގެ ވިސްނުން ހުރީ ވޯލްޑް ކަޕްގެ ތަށްޓަށްކަމަށެވެ.
އެމްބާޕޭ ބުނީ މިމުބާރާތުގައި ލިއޮނެލް މެސީ އިތުރަށް ލަނޑު ޖަހާނެކަން އޭނާއަށް ޔަގީން ކަމަށެވެ. ބޭނުންވަނީ މިފަހަރުގެ މުބާރާތުގައި ދެވޭ އެންމެ ދުރަކަށް ދާން ކަމަށް އެމްބާޕޭ ވަނީ ބުނެފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ފަރަންސޭސި ޓީމުގެ ކޯޗު ޑިޑިއަރ ޑޭޝޯމްޕް ބުނީ މެޗުގެ ފުރަތަމަ ފަންސަވީހަކަށް މިނެޓު ޓީމު ތަންކޮޅެއް ހާސްކަމުގެ ތެރޭގައި ފެނިގެންދިޔަ ނަމަވެސް މިމެޗުގައި އޭނާގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކާ ކުރަންޖެހޭ ކަންތައް ކޮށްފި ކަމަށެވެ.
މިމެޗުގައި ފަރަންސޭސި ޓީމުން ގިނަ ފުރުސަތު ތަކެއް އުފެއްދި ކަމަށާއި ކިރިޔާވެސް ޝަކުވާއެއް އޮތީ ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭގޮތް ނުވުމުންނެވެ. އެކަން ރަނގަޅަަށް ކުރެވުނު ނަމަ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމަށް ތަފާތު ބޮޑު ކުރެވި ހަމަޖެހިލެވުނީސް ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި އެއްވެސް މެޗެއް ފަސޭހަ ނޫންކަން 32 ޓީމުގެ ބުރުގެ އެހެން މެޗުތަކުގެ ނަތީޖާ ތަކުން އެނގިގެންދާކަމަށާއި އެހެން ކަމުން މިމެޗުގައި ދެއްކުނު ކުޅުމާއި މެޗު ހިތްހަމަ ޖެހޭކަމަށެވެ.
ސްވިޑްންގެ ކޯޗު ގްރަހަމް ޕޮޓަރ ބުނީ މިމެޗުގައި މޮޅު ޓީމު މޮޅުވީ ކަމަށެވެ. އެހެން ކަމުން ފަރަންސޭސި ޓީމުން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާކަމަށެވެ. މިމެޗުގައި ކިރިޔާވެސް ފުރުސަތެއް އޮތުމަށްޓަކައި އޭނާގެ ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނިގެންދާން ޖެހޭ ކަމަށާއި އަދި އެކަން އެހެން ކުރެވުނު ނަމަވެސް ނަތީޖާ އެޓީމާއި އެއްކޮޅަށް ނިކުންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
އޭނާ ބުނީ މިމެޗުގައި ސްވިޑްންގެ ފެށުން ރަނގަޅު ކަމަށާއި އަދި ކޮންމެވެސް ވަރަކަށް ފުރުސަތުވެސް ތަނަވަސް ކުރެވުނު ކަމަށެވެ.
އެހެން ނަމަވެސް އެއީ ބޭނުންވި ވަރު ނޫން ކަމަށާއި އަދި މިމެޗުގައި ބައިކޮޅަށް ފުރަތަމަ ލަނޑު ވަދެފައިވަނީ އެންމެ ރަނގަޅު ވަގުތުގައި ނޫން ކަމަށް ޕޮޓަރ ނުންޏެވެ. އަދި އޭނާގެ ކުޅުންތެރިންނާއި މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ފަރަންސޭސިވިލާތުގައި މިހާރު އޮތް ޓީމު އަތުން ބަލިވުމަކީ ލަދުގަންނަންޖެހޭވަރުގެ ކަމެއް ނޫންކަމުގައި އޭނާގެ ކުޅުންތެރިން ގާތު ބުނެފައިވާނެކަމަށްވެސް ސްވިޑްންގެ ކޯޗު ނުންޏެވެ.