ޚަބަރު

ޤައުމީ ޤުރުއާން މުބާރާތް: އޮޑިޝަންގެ ބޮޑުބައި ނިމިއްޖެ


  • މާލެ ސިޓީގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 5-9އަށް

  • ކ. އަތޮޅުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 10-11އަށް

  • މުބާރާތުގެ އޮޑިޝަން ބުރުގައި 3050 ބައިވެރިން ވާދަކޮށްފައިވޭ

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ކ. އަތޮޅުގެ އޮޑިޝަން ފިޔަވައި ހުރިހާ އޮޑިޝަނެއް ނިންމާލައިފިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ވިދާޅުވީ މާލެ ސިޓީގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 5 އިން 9 އަށް އަދި ކ. އަތޮޅުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 10 އަދި 11އަށް ކަމަށެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ވިޑާޅުވީ، މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތްކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ، މުބާރާތުގެ އޮޑިޝަން ބުރުގައި 3050 ބައިވެރިން ވާދަކޮށްފައިވާއިރު، އޮޑިޝަން ބުރަށްފަހު މާލޭގައި ސެމީ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، %80 އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނަށްކަމަށް ވިދާޅުވިއެވެ.

އަދި މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، %85އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނަށްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ގަވާއިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަޑިޔާރަކު މަދުވެގެން އިންނާނެކަމަށެވެ.

މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ.

އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެދުމަށާއި، ޤައުމީ މުބާރާތަށް ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.