މ.ކޮޅުފުށީގައި އިމާރާތްކޮށްފަވާ ރޯހައުސްތަކުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، ވީހާވެސް އަވަހަށް ޔުޓިލިޓީގެ ޚިދުމަތްތައް ނިންމައި، އެ ގެތަށް ވަރަށް އަވަހަށް ހަވާލުކުރެވޭނެކަމަށް ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކޮޅުފުށީގައި 100 ރޯހައުސް އިމާރާތްކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ 2019ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެގެންދިޔައެވެ.
އހެންކަމުން އެ މަޝްރޫޢު އަލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްގެން ފެށީ 2023ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ. މި މަޝްރޫޢުއަކީ، އަމިއްލަ މީހުންގެ ބިމުގައި ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމެގެތެރެއިން އަޅާ ރޯހައުސްތަކެކެވެ. މިފަދަ މަޝްރޫޢުއެއް ފެށުމުގެ ބޭނުމަކީ ބިން އޮވެ، ގެ އަޅާނެ މާލީ ނަނަވަސްކަން ނެތް މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި މަޝްރޫޢުގައި ކޮޅުފުށީގައި 100 ހައުސިން ޔުނިޓް ވަނީ އިމާރާތްކޮށްފައެވެ. މިއީ މި ކޮންސެޕްޓަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ މަޝްރޫޢުވެސްމެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ހިއްސާކުރައްވަމުން މ.ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުލް އަލީމް ވިދާޅުވީ އިމާރާތްކުރުމާއި ގުޅޭ ހުރިހާ މަސައްކަތްތައް ނިންމާއި، ކޮންޓްރެކްޓަރު މިހާރު އެ މަޝްރޫޢު ސަރުކާރާ ހަވާލުކޮށްފައިވާކަމަށެވެ.
ޢަބްދުލް އަލީމް ވިދާޅުވީ ގެތަކަށް މީހުންނަށް ނުވަދެވި ލަސްވަނީ ގެތަކަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތްތައް ނުނިމިގެންކަމަށެވެ. ފެނާއި ނަރުދަމާއާއި ކަރަންޓު އެޅުމަށް މިހާރު ކޮންޓްރެކްޓަރަކާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް މަސައްކަތްތައް ނުނިމޭތީ، ޔުނިޓްތަކުގައި ދިރުއުޅެން ފެށޭނެ މުއްދަތެއް އަދި ނޭންގޭކަމަށެވެ.
މިކަމާ ގުޅިގެން ގެދޮރުވެރިކަމާ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޔުޓިލިޓީ ޚިދުމަތްތަކުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. މި މަސައްކަތް އަވަހަށް ނިންމައި، ގެތަކުގެ ވެރިންނާ ހަވާލުކުރެވިގެންދާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
މި ހައުސިން ޔުނިޓްތަކަކީ 1200 އަކަފޫޓުގެ ގެތަކެކެވެ. ކޮންމެ ރޯހައުސްއެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓީންރޫމް، ބަދިގެ އަދި ލޯންޑްރީއާއި ސްޓޯ ރޫމް ހުރެއެވެ.
މި މަޝްރޫޢު ނިންމުމަށް ޚަރަދުކޮށްފަވަނީ ސަރުކާރުގެ ޕީ.އެސް.އައި.ޕީގެ ތެރެއިންނެވެ. މި މަސައްކަތަށް 121 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ކޮޅުފުށްޓަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެކެވެ. ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެ ރަށުގައިވަނީ ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުތަކެއް މީގެ ކުރިންވެސް ހިންގާފައެވެ.
މުލަކަތޮޅު ކޮޅުފުއްޓަކީ 800އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.