ޚަބަރު

އެމްއޯސީގެ އައު ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


އައުދައުރަކަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ހިންގާ ކޮމިޓީ އެކުލަވާލުމަށްޓަކައި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއޯސީގެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަށް ކުރިމަތިލުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލާފައިވާއިރު، ހިންގާ ކޮމިޓީގެ މަގާމުތަކަށް 13 މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ ރައީސް އާއި، ނައިބު ރައީސް އާއި، ހަ އޮލިމްޕިކް ސްޕޯޓްސް ރެޕްރެޒެންޓޭޓިވް އާއި، ދެ ނޮން-އޮލިމްޕިކް ސްޕޯޓްސް ރެޕްރެޒެންޓޭޓިވް އަދި ދެ އަންހެން މެންބަރުންނެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަންނަ މެއި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން އެމްއޯސިގެ އިންތިޚާބު ބޭއްވީ 2021 ވަނަ އަހަރެވެ. އެފަހަރުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ވާދަކުރެއްވީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ރައީސް މޫސާ ނާޝިދު (މޫސަ) އެވެ. ކުޅިވަރުގެ އެންމެ ނުފޫޒުގަދަ އެއް ޖަމުއިއްޔާ ކަމަށްވާ އެމްއޯސީގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބީ ޖަލްސާގައި 18 ވޯޓުގެ ތެރެއިން 11 ވޯޓު ޗަމްޕީ ވަނީ އެފަހަރު ހޯއްދަވާފައެވެ. އަދި ޗަމްޕީއާ ވާދަކުރެއްވި މޫސއަށް ލިބިވަޑައިގެންނެވީ 7 ވޯޓެވެ.

އެމްއޯސީގެ ހިންގާ ކޮމިޓީގެ ދައުރަކީ ހަތަރު އަހަރެވެ. އައު އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ މި އަހަތުގެ ޖޫން މަހުގެ ދެވަނަ ދުވަހު ބާއްވާ އެމްއޯސީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ.