ޚަބަރު

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރު އަލަށް 70 މަޝްރޫޢު ފަށާނެ


  • ވަޤުފު މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއްދެއްވާ

  • މިއަހަރު ކުރިއަށްދާ މަޝްރޫޢުތަކުގެ އަދަދު 50

  • މިއަހަރު އަލަށް 70 މަޝްރޫޢު ފަށާނެ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރުގެ ތެރޭގައި 70 މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު އެ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުވެގެންދާނީ އެންމެ ގިނައިން އިސްލާމީ މަރުކަޒުތައް ތަރައްޤީކުރަނެ އަހަރަށްކަމަށެވެ. މިގޮތުން މިހާރުވެސް ދެ މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށްޓަކައި އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ށ. މިލަންދޫއާއި ފޯކައިދޫގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށްޓަކައި މިހާރު ބަޔަކާ ހަވާލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުތައް ބިނާ ކުރުމުގެ މަސައްކަތްތައްކުގެ އިތުރަށް މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން 11 މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ބަޖެޓުން މިހާތަނަށް 13 މިސްކިތާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ތަރައްޤީކުރުމަށް މިއަހަރު ސޮއިކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއަހަރުގެ ކުރިއަށް އޮތްތަނުގައި 14 މިސްކިތަކާއި 5 އިސްލާމީ މަރުކަޒުގެ އިތުރުން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 2 ގޮތްޕެއް ތަރައްޤީކުރުމަށް ޕްލޭންކޮށްފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ މިހާރުވެސް 50 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި 70 މަޝްރޫޢުއެއް މިއަހަރު ފެށުމަށް ރާވާފައިވާކަމަށެވެ.

"މިއަހަރުގެ ތެރޭގައި ދާރުލްސަލާމް، ދާރުލްއަރުޤަމް އަދި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ވަޤުފު އިމާރާތް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވޭ. މީގެ އިތުރުން މިދައުރުގެ ތެރޭ ފެށުމަށް ޤަސްދުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ޖަގަ ތަނަވަސް މިސްކިތްތަކާއި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ތަރައްޤީކުރުމާއި ހުޅުމާލެ އައިކޮނިކް އިސްލާމިކް ސެންޓަރ ޤާއިމްކުރުން ހިމެނޭ. ހުޅުމާލޭގައި 2ލައްކަ އަކަފޫޓުގެ ބިމެއް ވަނީ ޚާއްސަކޮށްފައި. އެތަނުގައި ޤައުމީ ބޮޑު މިސްކިތަކާއެކު މަރުކަޒެއް ބިނާކުރުމަށް ޑިޒައިންކުރުމުގެ މަރުހަލާއަށް ތައްޔާރުވަމުން މިދަނީ."އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޭޝްވަޤުފް ޤާއިމްކޮށްފައިވާކަމަށެވެ. އެގޮތުން ރައްޔިތުންނަށް ފަސޭހައިން ވަޤުފުން ހޭދަކުރެވޭނެގޮތް މީރާ މެދުވެރިކޮށް ޤާއިމްކޮށްދީފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ވަޤުފުގެ މަޝްރޫޢޫތައް ކުރިއަށްގެންދިޔުމަށްޓަކައި ބީއެމްއެލް އިސްލާމިކުން 350 މިލިޔަން ރުފިޔާގެ ލޯނު ލިބިފައިވާކަމަށެވެ.

ވަޤުފުގެ މަޝްރޫޢުތައް ނިމުމާއެކު އިސްލާމީ ކަންތައްތަކަށް ވަރަށްބޮޑު ދިރުމެއް އަންނާނެކަންވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.