އެމެރިކާގެ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ގަވަރމެންޓް އެފިޝެންސީ (ޑޯޖަ)ށް ވަގުތު ދޭ މިންވަރު ކުޑަކޮށް، އެ އިދާރާއާ ފެޔަށް ޖެހުމަށް ނިންމާފައިވާ ކަން މަޝްހޫރު ވިޔަފާރިވެރިޔާ އަދި މަހުޖަނު، އީލޯން މަސްކް ހާމަކޮށްފިއެވެ. ސަބަބެއް ކަމުގައި އޭނާ ބުނެފައި ވަނީ، އަމިއްލަ ވިޔަފާރިއަށް ދޭ ވަގުތު އިތުރު ކުރުމެވެ. ޑޯޖް ހިންގުމުގެ ޒިންމާތައް މަސްކަށް މަތިކޮށްފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރެއް ޚަރަދު ކޮށްފައިވާ މަސްކަކީ އިލެކްޓްރިކް އެއްގަމު އުޅަނދު އުފައްދާ ކުންފުނި، ޓެސްލާގެ ވެރިޔާއެވެ.
މަސްކް ބުނީ، އަމިއްލަ ވިޔަފާރިއަށް އިސްކަން ދިނުމަށް، އަދި ދޭ ވަގުތު އިތުރު ކުރުމުގެ ގޮތުން ޓްރަމްޕްގެ ސަރުކާރުގެ މަޤާމުގެ މަސްޢޫލިއްޔަތުތަކަށް ދޭ ވަގުތު އަންނަ މޭ މަހުން ފެށިގެން މަދު ކުރާނެ ކަމުގައެވެ. އޭނާ މި ކަން އިޢުލާނު ކޮށްފައި މި ވަނީ، ޑޯޖްގެ ނިންމުންތަކާ މެދު އެމެރިކާ ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުމާއި ފާޑުކިޔުންތައް އެތަކެއް ގުނައަކަށް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ ނަމުގައި މަސްކުގެ އަމުރަށް ޑޯޖުން ވަނީ ސަރުކާރު ވަޒީފާއިން އެތަކެއް ހާސް ބަޔަކު ވަކިކޮށްފައެވެ. މި ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަސްކްގެ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓު ކުރަން ފަށާފައެވެ. އަދި، އޭނާގެ ކުންފުނިތަކާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައެވެ.
ބޮއިކޮޓުތަކާ ކުރިމަތިލާން ޖެހިފައިވާ އުފެއްދުންތަކުގެ ތެރޭގައި ޓެސްލާ ކުންފުނިން އުފައްދާ އެއްގަމު އުޅަނދުފަހަރު ހިމެނެއެވެ. ޓްރަމްޕާއި މަސްކާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތަކެއްގެ ބައިވެރިން ޓެސްލާ ކުންފުނީގެ ޝޯރޫމްތަކަކަށް ޙަމަލާދީފައި ވެސްވެއެވެ. އެ ކުންފުންޏަށް މަސްކްގެ ފަރާތުން ލިބޭ އަހަންމިއްޔަތު ކަން ކުޑަވުމާ މެދު، އެ ކުންފުނީގެ ބައެއް އިންވެސްޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ޑޯޖްގެ މަސްއޫލިއްޔަތުތަކާ މަަސްކް ޙަވާލުވި ފަހުން ޓެސްލާ ކުންފުނީގެ ވިޔަފާރި ދަށްވެ، އެ ކުންފުންޏަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
"ޑޯޖްގެ މަަސައްކަތްތައް ވިލަރެސްކޮށް، ބޭނުންވާ މުވައްޒަފުން ހަމަޖައްސައި، ސަރުކާރާ އެކު މަސައްކަތް ކުރުމަށް މާލީ ގޮތުން އެ އިދާރާ ހަމަ މަގަށް އެޅުވުމުގެ މައިގަނޑު މަސައްކަތްތައް މިހާރު ނިމިއްޖެ،" މަސްކް ބުންޏެވެ. އެ އިދާރާއަށް ދެމުންދާ އަހަންމިއްޔަތު ކަން ކުޑަ ކުރުމަށް ނިންމާފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ ވަގުތުގެ %40 އެ އިދާރާއަށް ޚާއްޞަ ކުރާނެ ކަމުގައި އޭނާ ބުންޏެވެ.
ޑޯޖް ހިންގުމުގެ ޒިންމާތަކުން ފެޔަށް ޖެހޭނެ ކަން މަސްކް އިޢުލާނު ކުރުމާ އެކު، ހިއްސާގެ ބާޒާރުގައި ޓެސްލާގެ އަގުތައް ވަނީ %4ން %5.5އަށް އުފުލިފައެވެ. ނަމަވެސް، 2024ވަނަ އަހަރުގެ ޑިސެންބަރު މަހަށް ފަހު އެ ކުންފުނީގެ ހިއްސާގެ އަގުތައް ދެބައިކުޅަ އެއްބައި ވެއްޓި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ބޭރު ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިމްޕޯޓުޑިޔުޓީ އެތަކެއް ގުނައަކުން އުފުލުމަށް ދާދި ފަހުން ޓްރަމްޕް ވަނީ ނިންމަވާފައެވެ. ނަމަވެސް، އެ ނިންމުން މުރާޖާކޮށް، 90 ދުވަހުގެ މުއްދަތަކަށް ފަސް ކުރުމަށް ވެސް އޭނާ ފަހުން ވަނީ ނިންމަވާފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެ ނިންމެވުމާ އެކު މަސްކްގެ ޓެސްލާ ކުންފުންޏަށް ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. އިލެކްޓްރިކް އެއްގަމު އުޅަނދު އުފައްދާ ޓެސްލާ ކުންފުނިން ބުނީ، ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީ މުރާޖާ ކުރަން ޖެހިފައިވާ ކަމުގައެވެ.
ޓްރަމްޕްގެ ސަރުކާރުން އެންމެ ބޮޑު އިމްޕޯޓުޑިޔުޓީއެއް ތަންފީޒު ކުރަން ފަށާފައި ވަނީ ޗައިނާއާ ދެކޮޅަށެވެ. މި ގޮތުން، ޗައިނާއިން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ ވަނީ %145އަށް ބޮޑުކޮށްފައެވެ. ޓްރަމްޕްގެ މި ނިންމެވުމާ އެކު، ޓެސްލާ ކުންފުނީގެ ބައެއް އުފެއްދުންތަކަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. އަދި، ވިޔަފާރިއަށް ވަނީ ހީނަރުކަން ކުރިމަތިވެފައެވެ. މިއާ އެކު، ޗައިނާއިން ބައެއް މުދާ ގަތުން ހުއްޓައިލައި، އެ ކުންފުނީގެ މޮޑެލް އެސް އަދި މޮޑެލް އެކްސްގެ ކާރު އުފެއްދުން ވަގުތީ ގޮތުން މަޑުޖައްސައިލުމަށް މަޖުބޫރުވިއެވެ.