ޚަބަރު

ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުން ނަވީނަށް


  • ނަވީނާ ވަގުތީގޮތުން ޒިންމާތައް ހަވާލުކުރެއްވީ ސީޕީގެ މަޤާމުން ޝުޖާޢު އިސްތިއުފާ ދެއްވުމުން

  • ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޢަލީ ޝުޖާޢު އިސްތިޢުފާ ދެއްވުމާގުޅިގެން، ފުލުހުންގެ މުއައްސަސާ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި ޙަވާލުކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަލީ ޝުޖާޢު އެ މަޤާމުން އިސްތިޢުފާދެއްވާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަޙުޤީޤުގެ މަސައްކަތްކަމަށްވެފައި މި ތަހުޤީގެ ކަންކަމާއި އެންމެ އިސްކޮށް ހަވާލުވެހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީންކަމަށެވެ. އެހެންކަމުން ކަމިޝަނަރ އޮފް ޕޮލިސްކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައަޅުއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 7 ޖުލައި 1994ގައެވެ. ނަވީން ވަނީ ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 31 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަޙުޤީޤީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ނަވީން ޢައްޔަންކުރައްވާފައިވަނީ 16 ފެބްރުއަރީ 2024 ގައެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް ނަވީން ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސަރވިސަސް ޑައިރެކްޓްރޭޓްގެ މަޤާމުގައެވެ.