ޚަބަރު

އާރްއެސްއެފުން ދިން ކަމަށް ބެލެވޭ ޑްރޯން ޙަމަލާއެއްގައި ސޫދާންގެ 11 މީހުން މަރުވެއްޖެ


ސޫދާންގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ފައުޖުން ދިން ޑްރޯން ޙަމަލާއެއް ކަމަށް ބެލެވޭ ޙަމަލާއެއްގައި 11 މީހުން މަރުވެއްޖެއެވެ. މި މީހުން މަރުވެފައި ވަނީ ސޫދާންގެ ރިވަރ ނައިލް ސްޓޭޓުގައި ހުންނަ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ކޭމްޕެއްގައެވެ.

ޙަމަލާދިން ސަރަޙައްދުގެ ގަވަރުނަރު ނެރުނު ބަޔާނެއްގައި ވިދާޅުވީ އާރްއެސްއެފުން ދިން ޙަމަލާގައި އެ ސަރަޙައްދުގައި ހުރި އިންޖީނުގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. މިއީ މީގެ ދެ އަހަރު ކުރިން އާރްއެސްއެފުން ސޫދާނުގެ އަސްކަރިޔައްޔާއަށް ޙަމަލާ ދޭން ފެށި ފަހުން އެ އިންޖީނުގެއަށް ގެއްލުން ލިބުނު ހަތަރުވަނަ ފަހަރެވެ.

އާރްއެސްއެފުން ދިން ކަމަށް ބެލެވޭ މި ޙަމަލާގައި ބަޔަކު މަރުވުމުގެ އިތުރުން 23 މީހުންނަށް ޒަޚަމްވެފައިވެއެވެ. އޭގެ ތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނެއެވެ. ނަމަ ވެސް އާރްއެސްއެފުން ބުނަނީ އެ ޙަމަލާއަކީ އެ ޖަމާޢަތުން ދީފައިވާ ޙަމަލާއެއް ނޫން ކަމަށެވެ.

ފާއިތުވި މަސްތަކުގައި އާރްއެސްއެފުން ސޫދާނުގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮންނަ ސޫދާންގެ މެދުތެރޭ އަދި އުތުރުގެ ސަރަޙައްދުތަކުގައި ހުންނަ ކަރަންޓު ފޯރުކޮށްދޭ ބިނާރަށް އަމާޒު ކޮށް ޙަމަލާ ދެމުންދާ ކަމަށް ވަނީ ބެލެވިފައެވެ.