ޚަބަރު

ދައުލަތަށް 31.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް، %3 ކުރިއެރުމެއް


  • އިމްޕޯޓް ޑިއުޓީ ޖީޖީއެސްޓީ އިން ލިބުނު އާމްދަނީ ވަނީ އިތުރުވެފައި

  • ޖީޖީއެސްޓީ އާމްދަނީ ވަނީ 4.3 ބިލިޔަން ރުފިޔާއަށް އަރާފައި

ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.5 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށްވުރެ %3 އިތުރުވެފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 30.6 ބިލިޔަން ރުފިޔާއެވެ.

މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައިސްފައިވަނީ އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 18.3 އިންސައްތަ އިތުރުވެ، 2.7 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.3 ބިލިޔަން ރުފިޔާގައެވެ. ޖީޖީއެސްޓީ އާމްދަނީއަށް ވެސް 7.7 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު، އެއީ 4.3 ބިލިޔަން ރުފިޔާއެވެ. މި ކުރިއެރުންތަކާއެކު، ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 7.4 އިންސައްތަ އިތުރުވެ، 24.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ވަނީ ކުރިއެރުންތަކެއް ފެނިފައެވެ. ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3 އިންސައްތަ އިތުރުވެ 5.7 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 1.5 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 9.1 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، މުދަލުން ލިބުނު އާމްދަނީ 12.3 އިންސައްތަ އިތުރުވެ 1.9 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 77 އިންސައްތަ އިތުރުވެ 515 މިލިޔަން ރުފިޔާއަށް އަރާފައެވެ.

ޚަރަދުތަކަށް ބަލާއިރު، އިދާރީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީއަށް ދައުލަތުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އިދާރީ ހިދުމަތްތަކަށް ކުރި ރިކަރަންޓް ޚަރަދު 7.4 އިންސައްތަ އިތުރުވެ 1.9 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ކެޕިޓަލް ޚަރަދު ވަނީ 8.6 އިންސައްތަ އިތުރުވެ 2.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) ކުރި ޖުމްލަ ޚަރަދު ވަނީ 16.0 އިންސައްތަ އިތުރުވެ، 4.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

އެހެނިހެން ޚަރަދުތަކުގެ ތެރެއިން މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1 އިންސައްތަ އިތުރުވެ 5.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޚަރަދު ވަނީ 43.7 އިންސައްތަ އިތުރުވެ 10.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ 71.8 އިންސައްތަ އިތުރުވެ 4.2 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު ވަނީ 23.6 އިންސައްތަ އިތުރުވެ 1.910 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއާ ހިލާފަށް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ވަނީ 5.2 އިންސައްތަ ދަށްވެ، މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 3.8 ބިލިޔަން ރުފިޔާއަށް ދަށްވެފައެވެ.

ޖުމްލަކޮށް ބަލާއިރު، 08 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 35.9 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދަކީ 31 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދަކީ 4.9 ބިލިޔަން ރުފިޔާއެވެ. މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި 4.4 ބިލިޔަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ވަނީ ރެކޯޑް ކުރެވިފައެވެ.