އެމެރިކާގެ މިޑްޓަރމް އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި ތެލުގެ އަގު އުފުލުމަށް، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމުގައި އައު އުކުޅުތަކެއް އީރާނުން ބޭނުންކުރަން ފަށައިފިއެވެ. އީރާނުގެ ދެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި، އެ ޤައުމުން ކަނޑައަޅާފައިވާ ހިފެހެއްޓުންތަކާ ޚިލާފުވާ އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް މިހާރު ވަނީ އިތުރުކޮށްފައެވެ. ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ފެށި ޣައިރުޤާނޫނީ ހަނގުރާމައަށްފަހު، ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް ބާރު ފޯރުވުމަށް އީރާނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އީރާނުގެ ރާޑަރުތައް އެމެރިކާއިން ހަލާކުކޮށްލުމާ ގުޅިގެން، އަމާޒުތައް ދެނެގަތުމަށް ހަތިޔާރު ނެތް ކުދި އުޅަނދުފަހަރު ބޭނުންކުރަން ފަށާފައިވާ ކަން އެމެރިކާގެ އަސްކަރީ އޮފިޝަލަކު ހާމަކުރެއްވިއެވެ. މީގެ އިތުރުން ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ޑްރޯން ހަމަލާތައް ހިމެނޭހެން ފަސް ހާދިސާއެއް ހިނގާފައިވާ ކަމުގައި ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ރިޕޯޓުތަކުން ދައްކައެވެ. މި ހަމަލާތަކުގެ ސަބަބުން ކަނޑު ދަތުރުފަތުރަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އީރާނުގެ އައު އިސްތިރާޖުގެ އެންމެ ބޮޑު އެއް މަގުސަދަކީ "ތެލުގެ އަގު ދަށްކުރުމަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ކުރާ މަސައްކަތްތައް ނާކާމިޔާބުކޮށްލުން" ކަމުގައި އީރާނުގެ އޮފިޝަލަކު ވިދާޅުވިއެވެ. ހަމަމިއާއެކު، އަންނަ ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ކުރިން ތެލުގެ އަގު ދަށްކުރުމުގެ ފުރުޞަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނުދޭނެ ކަމުގައި ވެސް އޮފިޝަލު ވިދާޅުވިއެވެ. މި އައު އިސްތިރާޖަކީ އީރާނުގެ އެންމެ އިސް ވެރިންގެ ފެންވަރުގައި ނިންމާފައިވާ ނިންމުމެއް ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
އީރާނުގެ އަސްކަރީ ހަރަކާތްތައް ހުރްމުޒް ކަނޑުއޮޅިން ބޭރަށް، ޢުމާން ކަނޑުއޮޅިއަށާއި ޤަޠަރު އަދި އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) ކަނޑުގެ ސަރަޙައްދުތަކަށް ފުޅާކުރަމުންދާ ކަމުގައި ވެސް މަޞްދަރުތަކުން ބުނެއެވެ. އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކަށް އޮތް ނުރައްކާ އަދިވެސް އޮތީ މަތީ ދަރަޖައެއްގައެވެ. އީރާނުގެ ދެވަނަ އޮފިޝަލު ވިދާޅުވީ، އެ ފަދަ އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅިން ބޭރުގައި ވެސް ރައްކާތެރިކަމެއް ނޯންނާނެ ކަމުގައެވެ.
އީރާނުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި އެ ޤައުމުގެ އަމުރަށް ނުކިޔަމަންތެރިވާ އެއްވެސް އުޅަނދަކަށް އެ ސަރަޙައްދުން ދަތުރެއް ނުކުރެވޭނެއެވެ. އަދި، ވަރަށް އަވަހަށް "ހުރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްލާނެ" ކަމުގެ އިންޒާރު ވެސް އީރާނުގެ އޮފިޝަލުން ދެއްވިއެވެ. އެމެރިކާގެ އަސްކަރިއްޔާއިން އިސްކޮށް އޮވެގެން ހިންގާ ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރުން ބުނީ، ވިޔަފާރި އުޅަނދުތަކަށް އޮތް ނުރައްކާ މަތީ ފެންވަރެއްގައި އޮތް ކަމުގައެވެ.