ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ދާ މިސްކިތްތަކުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއަދު އެ ވުޒާރާއިން ވަނީ، މިސްކިތްތަކާއި ގުޅުންހުރި އަދާހަމަތައް މީސްމީޑިއާގައި ޙިއްސާކުރައްވާފައެވެ.
މިސްކިތްތައް އިމާރާތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބައެއް މިސްކިތްތައް ނިމުމުގެ މަރުހަލާގައި ވާއިރު، އެހެން ބައެއް މިސްކިތްތަކުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށްދާކަން އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، ދ. ރިނބުދޫގައި ސަރުކާރުން ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، މިހާރު ކުރިޔަށްދަނީ ރޫފް ސްލެބް އެޅުމަށް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.
އދ. ދިގުރަށުގައި ސަރުކާރުން ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، މުންނާރުގެ މަސައްކަތް ކުރުމަށް ދެން އަންނަ ހަފުތާގެ ތެރޭގައި ކޮންޓްރެކްޓަރަކާ ޙަވާލުކުރެވޭނެކަމަށް ވިދާޅުވެއެވެ.
އއ. ހިމަންދޫގައި ސަރުކާރުން ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ކުރަމުންދާ މަސައްކަތަކީ ފިނިޝިންގ މަސައްކަތްތަކެވެ. އަދި އައްޑޫ ސިޓީ މީދޫގައި ސަރުކާރުން ބިނާކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެމިސްކިތުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
ގއ. ވިލިނގިލީގައި ސަރުކާރުން ބިނާކުރާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް 2026 އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ވިލިނގިލީގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ހއ. ތުރާކުނުގައި ސަރުކާރުން ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މިހާރު ކުރިޔަށްދާ މަސައްކަތަކީ، ރެކްޓިފިކޭޝަން މަސައްކަތްތައް ކަމަށެވެ. އަދި މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މިސްކިތް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ވިދާޅުވެއެވެ.