ޚަބަރު

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ޖުމްލަ 26 ރިކޯޑެއް ހެދި ކާމިޔާބު މުބާރާތެއް


ހޮނިހިރުދުވަހު ނިމިގެން ދިޔަ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ބޭއްވި ފުރަތަމަ މުބާރާތް ކަމަށްވާ 12 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕަކީ އެހެން އަހަރުތަކާއި ހިލާފަށް ބަދަލުތަކަކާއި އެކު ކުރިޔަށްގެންދިޔަ މުބާރާތެކެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބުނަނީ މިއީ އެހެންއަހަރުތަކަށްވުރެ މަދު އެތުލީޓުން ބައިވެރިވިނަމަވެސް ކާމިޔާބު މުބާރާތެއް ކަމަށެވެ.

މިއަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި އެހެން އަހަރުތަކާއި ތަފާތަކީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކާއި ސުކޫލުތަކުގެ ނަމުގައި އެތުލީޓުންނަށް ބައިވެރިނުވެވުމެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔައީ އެކަޑަމީތަކާއި ކުލަބުތަކުގެ ނަމުގައި ބައިވެރިވެވޭ ގޮތަށެވެ. މި މުބާރާތުގައި ޖުމްލަ 17 ޓީމެއް ވާދަކުރިއެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕް ނިމިގެން ދިޔައިރު މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވީ އޭޕްރީލްމަހު ސައުދީއަރައްބިއްޔާގެ ދައްމާމްގައި އޮތް 18 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޒީކް އަޝްރަފް ރަޝީދެވެ. ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި ޒީކް އަންހެން ޑިވިޝަންގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުން ދެ ރަން މެޑަލް ހޯދައިގެންނެވެ. ޒީކް ބުނީ އޭނާއަށް މި މުބާރާތުން ފުރުސަތު ލިބުނީވެސް މުބަރާތް ފެށިފަހުން ކަމަށާއި، އެއްވަނަ ލިބޭނެ ކަމަށް ކުރިން ހީވެސް ނުކުރާކަމަށެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ އެއްވަނަ އެތުލީޓަކަށް ހޮވުނީ މީގެ ކުރިން ގައުމީ މުބާރާތުންވެސް އެއްވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބުގެ ޝައްމޫންއެވެ.

ޝަންމޫން މި މުބާރާތުން ދެ ރަން މެޑެލް ހާސިލްކުރިއިރު އޭނާ ބުނީ ފަރިތަކުރަން ލިބުނީ ހަފްތާއެއްހާ ދުވަސްކަމަށާއި، އެހެންނަމަވެސް އޭނާއަށް އެއްވަނަ ލިބުނީ އެކަމުގެ ތެރޭގައި އުޅެ ލިބިފައިވާ ތަޖްރިބާގެ ސަބަބުންކަމަށް ގަބޫލުކުރާ ކަމަށެވެ. ޝަންމޫން ވަނީ ޝޮޓްޕުޓް އަދި ޖެވެލިން ތުރޯއިން އެއްވަނަ ހޯދާފައެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުން އެއްވަނަ ދިވެހި ސިފައިންގެ ކުލަބުން ހޯދާފައިވާއިރު، އަންހެން ޑިވިޝަނުގެ އެއްވަނަ ޓީމަކަށް ހޮވިފައިވަނީ އައްޑޫ އެތުލެޓިކްސް ކުލަބެވެ.

12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ ފިރިހެން ބައިން އެއްވަނަ އެތުލީޓަކަށް އައްޑޫ އެތުލެޓިކްސްގެ މުޙައްމަދު ޔޫނުސް ބިން ހުސައިން ބިން އިބްރާހީމް ހޮވިފަވާއިރު، މި އުރުފުރާއިން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ ޝަރީފް ސްޕޯޓްސްގެ އާމިނަތު އައުހާ އަބްދުއްރަހްމާނެވެ.

މި އުމުރުފުރާއިންވެސް ދެ ޑިވިޝަނުގެ އެންމެ މޮޅު ޓީމު ހޮވާފަވާއިރު، ފިރިހެން ޑިވިޝަނުގެ އެއްވަނަ ޓީމަކީ އައްޑޫ އެތުލެޓިކްސްއެވެ. އަދި އަންހެން ޑިވިޝަނުން އެއްވަނަ ހޯދާފައިވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ.

ޖުމްލަ 26 ރިކޯޑެއް ހަދާފައިވާ މި މުބާރާތުގައި ވަނީ 16 އަހަރުވީ ގައުމީ ރިކޯޑެއްވެސް މުގުރާލާފައެވެ. އެއީ ހައި ޖަމްޕްގެ ގައުމީ ރިކޯޑެކެވެ. މި ރިކޯޑް މުގުރާލީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އެތުލީޓު ޔޫސުފް ނާއިކް ވަޖީހުއެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވަނީ ޖުމްލަ 26 ރިކޯޑެއް ހަދާފައެވެ. މިއީ އެތުލީޓުން ކުރިއަރަމުން އަންނަކަމުގެ ހެއްކެކެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖޭގެ އެތުލީޓުން ތަމްރީނުވުމާއި، އިތުރަށް ޓްރޭނިން ދިނުމަށް ކުލަބުތަކާއި އެކަޑަމީތައް އަދި ސުކޫލުތަކަށްވެސް މި މުބާރާތުން ބޮޑު ހިތްވަރެއް ލިބިގެންދާނެއެވެ.