ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފުވެ، ޔަހޫދީ ފައުޖުން ލުބްނާންގެ ވެރިރަށް ބައިރޫތަށް އަނެއްކާ ވެސް ނިރުބަވެރި ޙަމަލާތަކެއް ދީފިއެވެ. ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަން ފަށާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 27ވަނަ ދުވަހުއެވެ.
ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ބައިރޫތުގެ ދެކުނުގައި އޮތް ޟާޙިޔާ އަވަށުގައި ހުރި އިމާރާތަކަށެވެ. އެ ތަނަށް ޙަމަލާ ދިނުމަށް ތިން މިސައިލް ބޭނުން ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. މިއީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުމާ ޔަހޫދީ ފައުޖުން ޚިލާފުވެފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.
ލުބްނާންގެ ރައީސް ޔޫސުފް ޢަވްން ވަނީ ޔަހޫދީ ފައުޖުގެ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ހުއްޓުވުމަށް އެމެރިކާއާއި ފަރަންސޭސިވިލާތަށް ގޮވައިލައްވާފައެވެ. ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުން ތަންފީޒު ކުރުމުގެ ޒިންމާ މަތި ކޮށްފައި އޮތީ އެމެރިކާއާއި ފަރަންސޭސިވިލާތަށެވެ.
ޢަވްން ވިދާޅުވީ، ޔަހޫދީ ފައުޖުން ލުބްނާންގެ ސުލްޙައާއި ހަމަޖެހުން ނަގައިލުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ޔަހޫދީ ފައުޖުގެ މި ފަދަ ޖަރީމާތަކާ އެކު ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމުގައެވެ. ޙަމަލާތައް ދިނުމުގައި ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަނެފައެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީ ފައުޖުން މި ފަދަ ޖަރީމާތައް ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ ތަޢީދާއި އެއްބާރުލުމާ އެކުގައެވެ. އަދި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ.
މަންޒަރު ފެނުނު މީހުން ބުނީ، ބައިރޫތުގެ ޟާޙިޔާއަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ގިނަ އަދަދެއްގެ އިމާރާތްތަކާއި އެއްގަމު އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އެ ސަރަޙައްދަށް ޙަމަލާ ދިނުމުގެ ކުރިން ޔަހޫދީ ފައުޖުން އިންޒާރު ދީފައި އޮތް ނަމަވެސް، އެއީ ޙިޒްބުاللهގެ އެއްވެސް ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ނޫނެވެ. ޔަހޫދީ ފައުޖާއި ޒަޔަނިސްޓު އިސްރާއީލުގެ އަމާޒުތަކަށް ޙިޒްބުاللهން ރޮކެޓު ޙަމަލާތަކެއް ދީފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ލުބްނާންގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2024ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ ޢުދުވާނުގައި 3,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. އެންމެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބައިރޫތަށެވެ. އަދި، ވަކިން ޚާއްޞަކޮށް ޟާޙިޔާ އަވަށަށެވެ. އެ ޙަމަލާތަކުގައި ޙިޒްބުاللهގެ އިސް އޮފިޝަލުންތަކެއް ޝަހީދު ކޮށްލާފައިވާއިރު އޭގެ ތެރޭގައި އެ ޖަމާޢަތުގެ ކުރީގެ ވެރިޔާ އަލް-ސައްޔިދު ޙަސަން ނަޞްރުالله ވެސް ހިމެނެއެވެ.