އިންޑިޔާގެ ކަޝްމީރުގައި ހަތިޔާރު އެޅި ބަޔަކު ބަޑިން ޙަމަލާދީ ގިނަ އަދަދެއްގެ ޓޫރިސްޓުން މަރައިލި ހާދިސާއަށްފަހު، އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު އޮތް ނުތަވަސްކަން އިތުރަށް ގޯސްވެފައިވާއިރު، ވިދިވިދގެން ހަތަރު ވަނަ ރޭ، ދެ ޤައުމުގެ ސިފައިން ޙަމަލާތައް ބަދަލުކޮށްފިއެވެ.
އިންޑިޔާގެ އަސްކަރިއްޔާއިން ބުނީ، ދެ ޤައުމުގެ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން ލުއި ހަތިޔާރު ބޭނުންކޮށްގެން ޕާކިސްތާނު ސިފައިން ރޭ ދަންވަރުގެ ވަގުތެއްގައި ދިން ޙަމަލާތަކަށް، އިންޑިޔާ ސިފައިން ރައްދު ދީފައިވާ ކަމަށެވެ.
ނަމަވެސް، އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އިންޑިޔާގެ އަސްކަރިއްޔާއިން ބުނެފައެއް ނުވެއެވެ.
މި މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ޓޫރިސްޓުން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ.
އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާގެ އަސްކަރިއްޔާއިން ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންދާއިރު، އޭގެތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.
ނަމަވެސް، މި ޙަމަލާގައި ޕާކިސްތާނުގެ ބައިވެރިވުމެއްވާ ކަމަށް ކުރެވޭ ތުހުމަތުތައް އެ ޤައުމުގެ ސަރުކާރުން ވަނީ ދޮގުކޮށް، މިކަމުގެ މިނިވަން ތަހުޤީގެއް "ތިންވަނަ ފަރާތެއް" މެދުވެރިކޮށް ކުރުމަށް ގޮވާލައިފައެވެ.
މި ސަރަޙައްދުގެ ދެން އޮތް އެންމެ ބޮޑުބާރު، ޗައިނާ އިން ވަނީ، އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު އޮތް ނުތަވަސްކަން އިތުރަށް ހޫނުވިޔަ ނުދިނުމަށް އިލްތިމާސްކޮށްފައެވެ.
މި ޙަމަލާއާ ގުޅިގެން ދެ ޤައުމުގެ ގުޅުން ގޯސްވެ އިންޑިއާއިން މިހާރު ވަނީ ޕާކިސްތާނާ އެކު ފެން ޙިއްސާކުރުމަށް ވެފައި އޮތް މުހިންމު އެއްބަސްވުމަކަށް ޢަމަލުކުރުން މެދުކަނޑާލައިފައެވެ. އޭގެ ރައްދުގައި ޕާކިސްތާނުން ވަނީ އިންޑިޔަން އެއާލައިންސްގެ ފްލައިޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަނުން މަނާކޮށްފައެވެ.
މީގެއިތުރުން، ދެ ޤައުމުން ވެސް މިހާރު ވަނީ ޚާރިޖީ ގުޅުން ދަށްކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލައިފައެވެ.