ޚަބަރު

"ގައުމީ ޓީމަށް ރަނގަޅު ކާމިޔާބީއެއް ނުލިބިގެން އުޅެނީ ކުލަބު ފުޓްބޯޅަ ނެތީމަ"


ފުޓްބޯޅަ އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށާއި، ގައުމީ ޓީމަށް ރަނގަޅު ކާމިޔާބީއެއް ނުލިބިގެން އުޅެނީ ކުލަބު ފުޓްބޯޅަ ނެތުމުން ކަމަށް ރާއްޖޭގެ ކުރީގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުޙައްމަދު (އިންމަ) ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި އިމްރާން ބުނީ އެހެންކަމުން ފެންވަރު ރަނގަޅު ފުޓްބޯޅަ މުބާރާތްތަކެއް ރާއްޖޭގައި ބާއްވަން ޖެހޭ ކަމަށެވެ. އިމްރާން ބުނީ ދިވެހި ފުޓްބޯޅައަށް ކުރިން އޮތް ފޯރި ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މީ ވަރަށް މުހިންމު ކަމެއް ފުޓްބޯޅަ މުބާރާތްތަކެއް ބޭއްވުން. ފުޓްބޯޅަ މުބާރާތްތަކެއް ނުބާއްވާކަމަށްވަންޏާ އަޅުގަނޑުމެންނަށް އޭގެ އެންމެ ބޮޑު އަސަރު މިކުރަނީ ދިވެހިރާއްޖޭގެ ގައުމީ ޓީމަށް. ވާދަވެރި މެޗުތަކެއް ނުކުޅެ ގައުމީ ޓީމު މުބާރާތްތަކަށް ނޫނީ މެޗުތަކަށް ދިޔައީމަ ހަމަ ދިވެހިރާއްޖޭގެ ކޮންމެ މީހަކަށްވެސް އެނގޭނެ ރާއްޖޭގެ ގައުމީ ޓީމަށް އަސްލު ރަނގަޅު ކާމިޔާބީއަކާއި ހަމައަށް ނުދެވިގެން މިއުޅެނީ ކުލަބު ފުޓްބޯޅަ މިވަގުތު ނެތީމަ" ކަމަށް އިމްރާނު ބުންޏެވެ.

އެހެންކަމުން ކުރިޔަށް މިއޮތް ލީގު ކަޕަކީ ވަރަށް މުހިންމު މުބާރާތެއް ކަމަށާއި، މި މުބާރާތުގެ ސަބަބުން ފުޓްބޯޅައަށް އިތުރު ކުރިއެރުންތަކެއް އައިސް ގައުމީ ޓީމަށް ރަނގަޅު ކުޅުންތެރިތަކެއް ލިބިގެންދާނެ ކަމަށްވެސް އިމްރާނު ބުންޏެވެ.

އިމްރާނަކީ ރާއްޖޭގެ ފުޓްބޯޅައިގެ އިތުރުން ސަރަހައްދީ ފުޓްބޯޅައިގައިވެސް ފުންނާބުއުސް ގޯލުކީޕަރެކެވެ. އޭރުގެ ކުޅުމާއި ފޯރި މިއަދު ނެތްކަން އިމްރާން ފަދަ ކުރީގެ ކުޅުންތެރިން ގަބޫލުކުރާއިރު އަލުން ފުޓްބޯޅަ ކޮޅަށް ޖަހާ އިހު އޮތް ފޯރި ގެނައުމަށް ފުޓްބޯޅައަށް ލޯބިކުރާ ބައެއް ފަރާތްތަކުން މަސައްކަތް ކުރެއެވެ. ރާއްޖޭގައި ފުޓްބޯޅަ ނުކުޅޭތާ ދެއަހަރެއްހާ ދުވަސްވާން ކައިރިވެފައިވާއިރު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގައި މިވަގުތު އޮތީ ވަގުތީ ހިންގާ ކޮމިޓީއެވެ.

އިންތިހާބު ނުބޭއްވި އެފްއޭއެމްގެ ހިންގުން ދެ ފަހަރެއްގެ މަތިން ނޯމަލައިޒް ކުރެވުނު ނަމަވެސް އަދިވެސް އެފްއޭއެމަށް ފުޓްބޯޅަ ކުރިއެރުވުމަށް ބައިވަރު ގޮންޖެހުންތައް އެބަހުއްޓެވެ. އޭގެތެރޭގައި ފައިސާގެ މައްސަލަތަކާއި ކުލަބުތަކުން ދޭންވާ މިންވަރަށް އެއްބާރުލުން ނުލިބޭ މައްސަލަވެސް ފާހަގަކުރެއެވެ.

ފުޓްބޯޅަ ކުރިއަރުވާ ވާދަވެރި މުބާރާތްތައް ބޭއްވުމަށް ކުޅިވަރު ވުޒާރާއިން އަންނަނީ ފުޓްބޯޅަ ކޮމިއުނިޓީން އެދޭ ކަންކަން ފުރިހަމަކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އަދި ކުލަބު ފުޓްބޯޅަ މުބާރާތްތައް ބޭއްވުމާއި ފުޓްބޯޅަ ސީޒަން ބޭއްވުމަށްވެސް ކުޅިވަރު ވުޒާރާއިން އެއްބާރުލުންދެއެވެ. ފުޓްބޯޅަ ސީޒަން އޮގަސްޓަށް ލަސްކޮށްފައިވާއިރު ކުޅިވަރު ވުޒާރާއިން ވަނީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ބޮޑެތި އަދަދުތަކުން މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.