ޚަބަރު

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި


  • ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް

  • ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖޫން 1ވަނަ ދުވަހުގެ މެންދުރު 12:00

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމު، މޯލްޑިވްސް ނޭޝަނަލް ސަރވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިފާޢީ ވުޒާރާއިން ހުޅުވާލައިފިއެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ މިޚިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު، ޤައުމީ ޚިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ އިޤްރާރެއް ހުށަހަޅަން ވާނެއެވެ.

މިޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ޚިދުމަތްކުރެވޭނެ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވާންވާނެ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ. މިޕުރޮގުރާމުގައި ބައިވެރިކުރެވޭ ފަރާތްތައް ހޮވާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެޑިކަލް އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހުގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ޚިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އަދި މިޕުރޮގުރާމުގެ ދަށުން ތަމްރީނު ފުރިހަމަ ކުރުމަށްފަހު ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުޞަތު ދެވޭނެ ކަމަށް ވެސް އެވުޒާރާއިން ވިދާޅުވިއެވެ.

މިޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އީމޭލު މެދުވެރިކޮށް ނުވަތަ އެ ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅޭނެ ކަމަށާއި އީމޭލު މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، [email protected] އަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖޫން 1 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކޮށް، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަކީވެސް މިޕްރޮގްރާމު ހިންގުމުގެ ބޭނުމެކެވެ.

2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް އިޢުލާނުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމުގެ ސަބަބުން ތަމްރީން ލިބިފައި ތިބި، އަޚްލާޤް ރަނގަޅު ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައިވެސްވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް އިފްތިތާޙްކުރުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާކަމަށާއި، އެ ޕްރޮގްރާމް މި އަހަރުގެ އޭޕްރީލްމަހު އިރާދަކުރެއްވިއްޔާ ފައްޓަވާނެކަމަށް ވިދާޅުވެފައެވެ.