ސިވިލް ސަރވިސްއަކީ ރައްޔިތުން ބަލައިގަންނަ އިތުބާރު ހިފޭ ޚިދުމަތަކަށް ހެދުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް އިލްތިމާސްކުރައްވައިފިއެވެ. ނާސިހް މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ފޮނުއްވި ޚިޠާބުގައެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ދައުލަތުގެ ޚިދުމަތުގައި މަސައްކަތްކުރާ މުއައްޒަފުންގެ މަސައްކަތުގެ އުޖޫރަ މަތިކޮށް އަދި އެ އުޖޫރައިގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ސިވިލް ސަރވިސްގެ ހުރިހާ ފަންތިއަކާއި، ގިންތިތަކުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށެވެ. އުޖޫރައިގެ ހަމަހަމަކަން ޤާއިމްވެގެން ދިއުމަކީ މުވައްޒަފުންނަށް ހިތްހަމަޖެހިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ތަނަވަސްވާނެ މަގެއްކަމަށްވެސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސިވިލް ސަރވިސްގެ ދާއިރާތަކަށް ޤާބިލް މީހުން ހޯދުމުގައި ތަހައްމަލްކުރަންޖެހޭ ދަތިތަކަށް ރަނގަޅު ހައްލެއް ލިބިގެން ދާނެކަމަށްވެސް ނާސިހް ވިދާޅުވިއެވެ.
ނާސިހް ވިދާޅުވީ ރައްޔިތުން ބަލައިގަންނަ ގޮތެއްގައި ޚިދުމަތް ދިނުމަށް ޚިދުމަތް ހޯދާ ފަރާތްތަކާ ކުރެވޭ މުއާމަލާތްތަކުގައި ސާފު، ސާދާ އަދި ދެފުށް ފެންނަ ގޮތްތައް ޚިޔާރުކޮށް މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރުން މުހިންމުކަމަށެވެ.
ސީއެސްސީގެ ރައީސް ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން ޚިދުމަތް ދިނިމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސް ޚިދުމަތުގެ އާންމު މިންގަޑެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ މިންގަނޑުވެސް ބޮޑުތަނުން އުފުލިފައިވާކަމަށެވެ.
އެހެންކަމުން ސިވިލް ސަރވިސް މުއައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ދަސްކޮށްދީ މުއައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަން ކޮމިޝަންގެ ރައީސް ނާސިހް ފާހަގަކުރެއްވިއެވެ.
ދިވެހި މަސައްކަތްތެރީންގެ ބޮޑު ހިއްސާއެއް އޮންނަ ދިވެހި ސިވިލް ސަރވިސް އަކީ ސަރުކާރުގެ ހިދުމަތްތައްް ރައްޔިތުންނަށް ފޯރުވައިދިނުމުގައި އަމަލީގޮތުން މަސައްކަތް ކުރުމަށް ޤާނޫނީ ގޮތުން އުފައްދާފައިވާ މުއައްސަސާއެކެވެ.