ޕަބްލިކް ސަރވިސް މީޑިއާގެ ދަށުން ހިންގާ ނިއުސް ޗެނަލް، ޕީއެސްއެމް ނިއުސްއަށް މިއަދު މިވަނީ 8 އަހަރު ފުރިފައިފައެވެ.
ޕީއެސްއެމް ނިއުސް އުފެދުނީ 2017 ވަނަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. ރައްޔިތުންނާއި ތާޒާކަމާއި އިތުބާރާއެކު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމްގެ ނިއުސް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓްމަންޓުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
މާ ގިނަ ވަޞީލަތެއް ނެތް ޒަމާނެއްގައި އޭރުގައި ލިބެން އޮތް ވަޞީލަތެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ބްރޯޑްކާސްޓިންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން އައީ ދިވެހިރާއްޖޭގެ އަޑު އުފަންވި ހިސާބުންނެވެ. 1962 ވަނަ އަހަރު އަޑުގެ ޚިދުމަތް ފެށިއިރުވެސް އެންމެ މުހިންމު އެއް ބޭނުމަކަށްވީ ރައްޔިތުންނަށް ކޮންމެހެން އެނގެން ބޭނުންވާ ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމެވެ. އެފަހުން ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް ފެށީ 1978 ވަނަ އަހަރުއެވެ. ޓީވީ މޯލްޑިވްސްއާއެކުވެސް އެންމެ މުހިންމު އަމާޒަކަށްވީ ޚަބަރާއި މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމެވެ. މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނިއުސް ރޫމުންނެވެ.
އޭރު ހުރި ވަޞީލަތެއް ބޭނުންކޮށްގެން ވީވަރަކުން ޤައުމު ހޭލުންތެރިކޮށް، ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެ ނިއުސްރޫމުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނިއުސްރޫމްގެ މަސައްކަތްތައް ފުޅާވެ، ޤާބިލުކަން އިތުރުވެ، 24 ގަޑިއިރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދޭ ވަކި ޗެނަލެއްގެ ގޮތުގައި ނިއުސްރޫމަށް ޚާއްސަ ޗެނަލެއްގެ ގޮތުގައި ޕީއެސްއެމް ނިއުސް އުފެދުނީ 2017 ވަނަ އަހަރުއެވެ. މިއަދު މި ފާހަގަކުރަނީ ޕީއެސްއެމް ނިއުސް ޗެނަލަށް 8 އަހަރު ފުރުމުގެ މުނާސަބާއެވެ.
ވަކި ޗެނަލެއްގެ ގޮތުގައި އުފެދުނީންސުރެ ޕީއެސްއެމް ނިއުސް ފާހަގަކޮށްލެވެނީ އެންމެ ފަހުގެ ޚަބަރުތައް ތާޒާކަމާއި އާރޯކަމާއެކު ބެލުންތެރިންނަށް ގެނެސްދޭ ހަލުވި ނިއުސްރޫމެއްގެ ގޮތުގައެވެ. ޗެނަލްގެ މައިގަނޑު އަމާޒަކީވެސް މިއީއެވެ.
ޕީއެސްއެމް ނިއުސްގެ އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ޤުދުރަތީ ކާރިސާތަކާއި ކުއްލި ޚަބަރުތަކާ ގުޅުވައިގެން ގެނެސްދޭ ލައިވް ކަވަރޭޖުތަކެވެ. މި ކަވަރޭޖްތަކުގެ ތެރެއިން އެ ކަމެއް ހިނގައި ތަނެއްގައި ހުރެގެން ނޫސްވެރިން އެންމެ ފަހުގެ މަޢުލޫމާތު ބެލުންތެރިންނާ ހަމައަށް ގެނެސްދެއެވެ. އަދި މި ކަންކަމުގެ ވަށައިގެންވާ ފަސްމަންޒަރު ރައްޔިތުންނަށް ކުރަހައިދެއެވެ.
ޕީއެސްއެމް ނިއުސްއަކީ ހަމައެކަނި ކަރަންޓް އެފެއަރޒް ކަވަރޭޖުތަކާއި ޚަބަރު ގަޑިތަކަށް އެކަނި ޚާއްސަ ޗެނަލެއް ނޫނެވެ. މި ޗެނަލުން ދަނީ ކަރަންޓް އެފެއަރޒް ޕްރޮގުރާމްތަކާއި ދުވަހުން ދުވަހަށް އަދި ހަފުތާއިން ހަފުތާއަށް އައު ޕްރޮގުރާމްތައް ތައްޔާރުކޮށް، ބެލުންތެރިންނަށް ގެނެސްދެމުންނެވެ.
މި ޕްރޮގުރާމްތަކުގެ މައިގަނޑު މަޤުޞަދަކީ ކަންކަމުގެ ވަށައިގެންވާ މަޢުލޫމާތު ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އެކި ކަންކަމާ މެދު ހޭލުންތެރިކޮށް، މުޖުތަމަޢު އަހުލުވެރިކުރުމެވެ.
މި މަޤުޞަދުތައް ޙާސިލުކުރުމަށް ދުވަހުން ދުވަހަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޕްރޮގުރާމްތަކުގެ ތެރޭގައި އެއިރެއްގައި ރާއްޖޭގައި ހިނގާ މުހިންމު ކަންކަމުގެ މަޢުލޫމާތު ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގުރާމާއި ޝަޤުވެރި އެތައް މަޢުލޫމާތެއް ހިމެނިގެން ގެނެސްދޭ ފަށަން ޕޮޑްކާސްޓާއި ދުނިޔޭގެ މަސްރަހުން ފާހަގަކޮށްލެވޭ އެކި ޚަބަރުތައް ތަފްސީލީ ގޮތެއްގައި ގެނެސްދޭ ދުނިޔޭގެ ކަޅި ޕްރޮގުރާމް ހިމެނެއެވެ.
މީގެ އިތުރުން ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާގެ ކަންކަން ހިމެނިގެން ވުނަދާނަ ޕްރޮގުރާމާއި ތަރައްޤީގެ އެކި މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ގެނެސްދޭ ދުވެލި ޕްރޮގުރާމް ކޮންމެ ހަފުތާއަކުވެސް އެއް ދުވަހު ގެނެސްދެއެވެ. އަދި ކުޅިވަރުގެ ދާއިރާއިންވެސް ތަފާތު ޕްރޮގުރާމްތަކާއި ބޮޑެތި މުބާރާތްތަކަށް ޚާއްސަކޮށްގެން ލައިވް ކަވަރޭޖްތައް ގެނެސްދެއެވެ.
ސިޔާސީ ދާއިރާއިންވެސް ޕީއެސްއެމް ނިއުސްއިން ދަނީ ތަފާތު ޝައުޤުވެރި ޕްރޮގުރާމްތައް ގެނެސްދެމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާ ކޮންމެ ދުވަހަކު މަޖިލިސް މިއަދު ޕްރޮގުރާމް ގެނެސްދޭއިރު، އެ ހަފުތާއެއްގައި މަޖިލީހުގެ މަސައްކަތްތަކަށް އަލިއަޅުވާލައި ގެނެސްދޭ ބާބު ޕްރޮގުރާމަކީވެސް ޢާންމުންގެ ތެރޭގައި މަޤުބޫލު ޕްރޮގުރާމްތަކެކެވެ.
ޚާއްސަ ދުވަސްތަކާ ގުޅުވައިގެން ޕީއެސްއެމް ނިއުސްގެ ޚަބަރު ގަޑިތަކުގައި މި ފަހުން ވަނީ ޚާއްސަ ރިޕޯޓުތައްވެސް ގެންނަން ފަށާފައެވެ. އަދި ޚާއްސަ ދުވަސް ދުވަހު، އެ ދުވަހަކާ ގުޅޭ ޕްރޮގުރާމްތަކާއި ޑޮކިޔުމެންޓްރީތައް ގެނެސްދެއެވެ. މި ކޮންޓެންޓްތަކާއެކު ނިއުސްގެ ސްކްރީނަށް ވަނީ ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ. މަޢުލޫމާތުގެ ގޮތުން މުއްސަނދިވެފައެވެ.
ޕީއެސްއެމް ނިއުސްއިން ދަނީ ބަދަލުވަމުން އަންނަ ދުނިޔެއަށް ހޭނި، ކޮންޓެންޓްތައް ގެނެސްދޭ ގޮތާއި މަޢުލޫމާތު ފަތުރާ ގޮތް ބަދަލުކުރަމުންނެވެ. އެގޮތުން ޕީއެސްއެމް ނިއުސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކަކީ ރާއްޖޭގައި ހިންގާ މީޑިއާތަކުގެ ތެރެއިން އެންމެ އެކްޓިވް އަދި އެންމެ ގިނަ ކޮންޓެންޓް ހިއްސާކުރާ އެކައުންޓޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ގޮތުން އިސް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ އަޑުކޮޅުތަކާއި ޚަބަރުތަކުގެ މުހިންމު އުސްއަލިތައް ނިއުސްގެ އެކައުންޓްތަކުގައި ކޮންމެ ދުވަހަކުވެސް ޙިއްސާކުރެއެވެ.
ޕީއެސްއެެމް ނިއުސްގެ 8 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، ނިއުސްގެ އަބަދުވެސް ޢަޒުމަކީ އެންމެ އަވަހަށް އެންމެ ގިނަ މަޢުލޫމާތާއި ޚަބަރުތައް ފޯރުކޮށްދިނުމެވެ. އަމާޒަކީ ޗެނަލްގެ ކޮންޓެންޓްތައް އަދިވެސް އިތުރަށް މުއްސަނދިކުރުމެވެ. މި އަމާޒަށް ވާޞިލުވުމަށް ނޫސްވެރިންނާއި ޕްރޮޑިޔުސަރުންނާއި އެކި ދާއިރާތަކުގެ ޓެކްނީޝަނުންނާއި ކެމެރާމަނުންގެ އިތުރުން އިދާރީ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.