ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް މިހާރު ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ފުށުއަރާ ގޮތަށް އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށް މި ސަރުކާރުން ހާމަކުރައްވާފައިވެއެވެ. އަދި އެފަދަ އެއްބަސްވުންތައް ބަލައި، އޭގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވުމަށްފަހު މިދިޔަ ސަރުކާރުން އެކި ޤައުމުތަކާއެކު އެކުލަވާލި އަސްކަރީ އެއްބަސްވުންތައް ބަލާފައިވާ ކަމަށެވެ. އެއްބަސްވުންތައް ބެލުމަށްފަހު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ކަމެއް އެއްބަސްވުންތަކުގައި މިހާރު ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ފާހަގަކުރެއްވި އެއް އެއްބަސްވުމަކީ ހައިޑްރޮގްރަފީ ސަރވޭއެއް ހެދުމަށް އެކުލަވާލި އެއްބަސްވުމެވެ.
ނިމިދިޔަ ސަރުކާރުން މި އެއްބަސްވުން އެކުލަވާލާފައިވަނީ ރާއްޖެއިން ބޭރު އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބެ ހައިޑްރޮގްރަފީ ސަރވޭ ހަދާ ގޮތަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ލޮޅުންއަރާނެކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. އަދި މިކަމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހައިޑްރޮގްރަފީ ސަރވޭ މިހާރު ބާޠިލުކޮށްފައިވާ ކަމަށެވެ. އެހަނަސް އެފަދަ ސަރވޭއެއްކުރުމަށް ދިވެހިން ތަމްރީންކުރަން ޤައުމަކުން ބޭނުންވާ ނަމަ އެކަމަށް މަރުޙަބާ ކިޔާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމުގެ ފުރުޞަތު ނުދާނަން. އެއީ ކިތަންމެ ގާތް ކިތަންމެ ބޮޑު ޤައުމަކަށްވިޔަސް. އަދި ކިތަންމެ އެހީތައް ވަމުންދާ ޤައުމެއް ވިޔަސް. މިނިވަންކަމަށް ބުރުއަރާފާނެ ކަމުގެ ސުވާލު އުފެއްދުމުގެ ފުރުޞަތެއް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މިދިޔަ ސަރުކާރުން އެކުލަވާލި އެއްބަސްވުންތައް ހާމަކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާތަނަށް އައިރު، އެއްބަސްވުންތައް ހާމަކުރެވިފައި ނުވަނީ އެ އެއްބަސްވުންތަކުގައި ކޮންފިޑެންޝިއަލިޓީ ކްލޯސްއެއް ނުވަތަ އެއްބަސްވުންތައް ހާމަނުކުރެވޭ މާއްދާއެއް ހިމަނާފައި އޮތުމުން ކަމަށާއި ޤައުމުތަކުގެ ރުހުމާ ނުލައި އެއްބަސްވުން ހާމަނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެއްބަސްވުންތައް ހާމަކުރުމަށް އެ ޤައުމުތަކާ އެކު މަޝްވަރާތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދެވި އެއް ކަމަކީ ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމެވެ. އަދި އެކަމަށް ލޮޅުން އަރާނެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިއެވެ. އެ ގޮތުން ވެރިކަމުގެ ފުރަތަމަ ދުވަހު އޭރު ރާއްޖޭގައި ޤާއިމުވެގެން ތިބި ބޭރު ސިފައިންތަކެއް އެ މީހުންގެ ޤައުމަށް ގެންދިއުމުގެ މަސައްކަތް ފެށްޓެވިއެވެ.