ޚަބަރު

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް


  • މިމައްސަލާގައި 4 މީހުން ހައްޔަރުކޮށްފައިވޭ

  • ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހުން ހިމެނޭ

  • މި މީހުން ހައްޔަރުކުރީ ފުލުހުން ކުރިއަށްގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި

މަޝްހޫރު ފިލްމީ ތަރިން ހިމެނޭ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 4 މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ވިލިމާލޭއިން މިމީހުން ހައްޔަރުކޮށްފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ވިލިމާލޭގައި ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ވ. ސިނަމާލެ 4 3-03 / މާލެ، ޝާހިލް މުޙައްމަދު (42އ) އާއި، މަތިމަރަދޫ، ކޮންކީލިޔާ / ލ.ގަން، މުޙައްމަދު ވިޝާލް (29އ) އާއި، ގ.ފްލައިންގޓައިގަރ / މާލެ، އިސްމާޢީލް ޖުމައިޙު (35އ) އަދި ވ. ސިނަމާލެ 4 3-03 / މާލެ، އަޙްމަދު ޢަޒްމީލް (44އ) އެވެ. މީގެ ތެރެއިން ޖުމަޢިލްއާއި އަޒްމީލް އަދި ވިޝާލްއަކީ ފިލްމީ ދާއިރާގެ މަޝްހޫރު ފަންނާނުންނެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ، މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.