ޚަބަރު

"ޒަމާނީ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް 2 އަހަރުތެރޭގައި ނިމޭނެ"


  • 1 މިސްކިތް ފިޔަވައި އެހެން މިސްކިތްތަކަށް މާލީ އެހީ ވަނީ ހަމަޖެހިފައި

  • މިސްކިތްތައް އައުވުމުން މާލެ ސިޓީއަކީ ރީތި މިސްކިތްތައް ހުރި ސިޓީއަކަށްވާނެ

ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި ހުރި ބައު ހުރިހާ މިސްކިތްތަކެއް އައުކޮށް ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ވިލިމާލޭގައި 'މަސްޖިދުއްސަލާމް' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، 'މަސްޖިދުއްސަލާމް' ހުރި ބިމުގައި މިހާރު ހުރި މިސްކިތް ތަޅާލައި އައު މިސްކިތެއް އެޅުމުގެ މަސައްކަތަކީ ވަރަށް ދުވަސްވީ މަސައްކަތެއް ކަމަށެވެ. އެގޮތުން ފާއިތުވި 25 އަހަރުވެސް މި މިސްކިތް މިތަނުގައި ހުރި ކަމަށާއި އެހެންނަމަވެސް މިސްކިތް ހުރީ ތަރައްޤީކުރަން ޖެހިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިއީ ވިލިމާލޭގައި ބިނާ ކުރެވިގެންދާނެ އެންމެ ރީތި މިސްކިތައް ވެގެންދާނެ ކަމަށެވެ. އެގޮތުން އުންމީދަކީ ވީ އެންމެ އަވަހަކަށް މި މިސްކިތުގެ މަސައްކަތް ނިންމާ ރައްޔިތުންނަށް މިތަނުގެ ބޭނުން ހިފަން ފެށުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިސްކިތްތައް އައު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި މާލެ ސަރަހައްދުގައި ބައުވެފައި ހުރި ހުރިހާ މިސްކިތްތަކެއް އައުކޮށް ނިމެނޭ ކަމަށްވެސް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

"މިސްކިތް ބިނާކުރުމަކީ ވަރަށް މަތިވެރި މަސައްކަތެއް. ﷲ ބަރަކާތް ލައްވާކަމެއް. މި މިސްކިތުގެ މަޝްރޫއާއެކު ލިބިގެންދާ އުފާވެރިކަމަކީ މާލެ ސަރަހައްދުގައި ބައުވެފައި ހުރި މިސްކިތްތަކުގެ ތެރެއިން 1 މިސްކިތް ފިޔަވައި އެހެން ހުރިހާ މިސްކިތަކަށް ސްޕޮންސަރ ހަމަޖެހި މަސައްކަތް ފެށި، ބައެއް ތަންތަނުގެ މަސައްކަތް ވަރަށް ބޮޑަށް ވަނީ ނިމިފައި. ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހުރި ހުރިހާ މިސްކިތްތައް ހުންނާނީ، އައުވެފައި. ހުރީ ހެންވޭރު ހުރި މިސްކިތެއް، އެތަނަށްވެސް ދީލަތި ފަރާތެއްގެ އެހީވަނީ ލިބިފައި." ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިސްކިތްތައް އައުވެގެން ދިޔުމާއެކު މާލެ ސިޓީއަކީ ރީތި މިސްކިތްތަކެއް ހުރި ސިޓީއަކަށް ވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތަކާއި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގެ އިތުރުން ވަޤުފު އިމާރާތްތައް ބިނާކުރުން ހިމެނޭހެން 70 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެވުޒާރާއިން މައުލޫމާތުދެއްވައެވެ.