ޚަބަރު

ކޮމަންވެލްތް މުބާރާތަކީ ރާއްޖޭގައި ރީޖަނަލް މުބާރާތެއް ހޯސްޓްކުރުމަށް ހުޅުވޭ ދޮރެއް: ރާފިޢު


ރާއްޖޭގައި ކުރިޔަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ރީޖަނަލް ކުޅިވަރު މުބާރާތެއް ބޭއްވުމަށް އަމާޒު ހިފާފައިވާ ކަމަށާއި، މިއަހަރު ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑް ބޯލް މުބާރާތަކީ އެކަމަށް މަގުފަހި ކުރުމަށް ހުޅުވޭ ދޮރެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިމަހު އޮމާންގައި ބާއްވާ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ރާއްޖޭން ވާދަކުރާ ޤައުމީޓީމަށް ޖޯޒީ ހަވާލުކުރުމަށް ރޭ ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ވަޒީރު ވިދާޅުވީ ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޓޯނަމަންޓް ރާއްޖޭގައި ބޭއްވޭ ގޮތަށް ހަމަޖެހުނު ހިސާބުން ފެށިގެން އެ މެސެޖު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ހިއްސާކުރެއްވި ކަމަށާ، އެކަމަށް ސަރުކާރުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

ހޭންޑްބޯލް އެސޯސިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރާއި މެންބަރުންނާއި އެ ދާއިރާގެ މަޖިލީސް މެންބަރުނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި މިނިސްޓްރީގެ ބޭފުޅުންވެސް ޓީމެއް އެކުލަވާލައިގެން އެ މުބާރާތާއި ގުޅޭ ކަންކަން ހަމަޖެއްސުމަށް މިހާރު ވާހަކަތައް ދެކެވެމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ވިޒިޓަރ އިކޮނޮމީ ކޮންސެޕްޓެއް ތައާރަފްވެ ރާއްޖޭގެ ސްޕޯޓްސް ޓުއަރިޒަމް ކުރިއަރުވަން ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތަކަށްވެސް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮމަންވެލްތް ހޭންޑްބޯލް މުބާރާތް ބޭއްވުމުން، ރާއްޖެއަށް ވަރަށް ގިނަ ކުޅިވަރުތައް ހޯސްޓް ކުރެވޭނެ ގައުމެއްކަން އެ ކޮންފިޑެންސް ވަރަށް ގިނަ ގައުމުތަކަށް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަކީ ވަރަށް ގިނަ ކުޅިވަރުތައް ހޯސްޓް ކުރެވޭ ޤައުމެއްކަން އެ ކޮންފިޑެންސް ވަރަށް ގިނަ ގައުމުތަކަށް ލިބިގެންދާނެ ކަމަށާއި، ރާއްޖޭގެ ގޮނޑުދޮށްތަކުގައި ކުޅުމަށް ލިބުމަކީ އެންމެންވެސް ފަހުރުވެރިވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.