ޚަބަރު

ޔުނައިޓެޑް ބަލިކޮށް ބްރެންޓްފޯޑް ނުވަވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް ބްރެންޓްފޯޑް ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން ބްރެންޓްފޯޑް މޮޅުވެ އަންނަ ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅައިގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މި މެޗުން ބްރެންޓްފޯޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން 52 ޕޮއިންޓާއެކު ތާވަލުގެ 9 ވަނަ މަގާމް ލިބިފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑަށް 35 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗަށް މެންޗެސްޓަރ ޔުނައިޓެޑް ނިކުތްއިރު އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ނިކުންނައިރު, ފުރަތަމަ ލެގުން ޔުނައިޓެޑް ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 14 ވަނަ މިނިޓުގައި މޭސަން މައުންޓް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ 13 މިނިޓު ފަހުން ބްރެންޓްފޯޑްގެ ކެޕްޓަން މިލެލް ޑަމްސްގާޑް ނަގައިދިން ހުރަހެއް ޔުނައިޓެޑްގެ ޑިފެންޑަރ ލޫކް ޝޯ ގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެގެން މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ.

މި މެޗުގައި ބްރެންޓްފޯޑް އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 33 ވަނަ މިނިޓުގައި ކެވިން ޝޭޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް ބަދަލުތަކެއް ގެނެސް ދެ ޓީމުގެ ކުޅުންވެސް ވަނީ އިތުރަށް ރަގަޅުކޮށްފަ އެވެ.

މި މެޗުގެ 70 ވަނަ މިނިޓުގައި ކެވިން ޝޭޑް ވަނި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ބްރެންޓްފޯޑްގެ ޔޯން ވިއްސާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުން މެޗުގެ ނަތީޖާ ބަދަލު ކުރުމަށް ކުރަމުންދިޔަ މަސައްކަތަށް ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވަނީ މެޗުގެ 82 ވަނަ މިނިޓުގައި އާޖެންޓީނާގެ ފޯވަޑް އަލެހަންދްރޯ ގަރްނާޗޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އަމަދް ދިއާލޯ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 4-3 އަށް ބަދަލުވެފަ އެވެ.

ބްރެންޓްފޯޑް އަށް ލީގުގައި ބާކީ އޮތް ތިން މެޗަކީ އިޕްސްވިޗް އާއި ފުލަމްގެ އިތުރުން ވޮލްވްސް އާއި ދެކޮޅަށް ކުޅޭ ތިން މެޗެވެ. އެހެންކަމުން މި ތިން މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނި އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތާކުން ފުރުސަތު ލިބުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.