ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. މިއީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ މަރުކަޒެކެވެ.
"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު" ގެ ނަމުގައި ޤާއިމުކުރާ މި މަރުކަޒު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 3 ގައެވެ. މި މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، އެކަމުގެ ރަމްޒީ ޕްލާގު އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދު މުޅިން ބަދަލުކޮށްލާ، ވަކިން ޚާއްސަކޮށް ފަތުރުވެރިން އައު ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެއްކަމަށެވެ. މިއަހަރު ރާއްޖޭގެ އިޤްތިޞާދު %6.4 ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، މިއަދު މި ފެށޭ މަޝްރޫޢާއެކު އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައިވެސް އައު ދޮރުތަކެއް ހުޅުވިގެންދާނެކަމަށް މާލީ ކަންކަމާ ބެހޭ ވަޒީރުގެ ނައިބު ސާއިދު ވިދާޅުވިއެވެ.
މިއީ 2024 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އިތުރުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަމަށްވެސް ސާއިދު ވިދާޅުވިއެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީ ވަނީ ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މިފަދަ އުއްމީދީ މަޝްރޫޢެއްގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބު މުޅިން އައު އުސްމިންތަކަކަށް ގެންގޮސްދީ، ޒަމާނީ އިޖާދީ ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢެއްކަމަށެވެ. ހަމައެހެންމެ މިއީ ރާއްޖޭގައި ފައިނޭންޝަލް ޓޫރިޒަމް ފުޅާކޮށް، ފަތުރުވެރިކަމާއި އެނޫންވެސް ދާއިރާތަކަށް އިންވެސްޓަރުން ހޯދުމަށްވެސް ހުޅުވޭ މަގެއްކަމަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ގްލޯބަލް އިންވެސްޓްމަންޓް ގްރޫޕުގެ ސީއީއޯ ނަދީމް ޙަސަން ވިދާޅުވީ، މިއީ ހަމައެކަނި ޢުމްރާނީގޮތުން ގެނެވޭ ތަރައްޤީއެއްނޫންކަމަށާއި، މިއީ ޒަމާނީ ޓެކްނޮލޮޖީއާއި އިޤްތިޞާދީ ކުރިއެރުން ރަމްޒުކޮށްދޭނެ މުހިންމު މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢު ހަޤީޤަތަކަށް ހަދާ އޭގެ މަންފާ ރާއްޖެއަށް ހޯދައިދިނުމަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ފަރާތުން ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގައި ދެމެހެއްޓެނިވި، މާލީ މިނިވަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ މި މަރުކަޒު ފަރުމާކޮށްފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާއެކު ސަރުކާރުން ސޮއިކުރައްވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި މަޝްރޫޢަށް އިންވެސްޓްކުރާނެކަމުގެ ޔަޤީންކަން 11 ފަރާތަކުން ވަނީ ދިވެހި ސަރުކާރަށް ދެއްވާފައެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ.
ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ވެނިއުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި، ޘަޤާފީ ހަރަކާތްތަކާއި، އައު އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބޭއްވޭނެއެވެ. މިކަމުގެ ސަބަބުން ރާއްޖެ ވެގެންދާނީ މުހިންމު ބައްދަލުވުންތަކުގެ މަރުކަޒަކަށެވެ. މީގެ ސަބަބުން މިހާރުވެސް ކުރިއަރާފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ދިވެހި ސަރުކާރުން ޤަބޫލްކުރައްވައެވެ.
މި ސަރަހައްދުގައި ތަރައްޤީކޮށް ނިމޭއިރު، ހިމެނޭ ތަންތަނުގެ ތެރޭގައި ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކެއް ހުންނާނެއެވެ. އަދި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، ބައިނަލްއަޤްވާމީ ސްކޫލެއް ހިމެނޭހެން ފެންވަރު ރަނގަޅު ތަޢުލީމީ ވަސީލަތްތަކެއް މި ސަރަހައްދުގައި ޤާއިމްކުރެވޭނެއެވެ.
އެމްއެފްއައިސީގައި މޫސުމަށް އަންނަ ބަދަލުތަކާ ރަހްމަތްތެރި، ދެމެހެއްޓެނިވި ވަސީލަތްތަކެއް ޤާއިމްކުރެވިފައި ހުންނާނެއެވެ. އަދި އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދެވޭނީ އިއާދަކުރަނިވި ހަކަތައިން ކަމަށްވާއިރު، ހިނގާ މީހުންނަށް ފަސޭހަވާނެ، ހުޅުވިފައިވާ މާޙައުލެއް ދެމެހެއްޓުމަށްޓަކައި ހުރިހާ ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ހުންނާނީ ބިމުގެ އަޑީގައެވެ.
މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި، ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތަކާއި، ފުޅާ ދާއިރާއެއްގައި ގަސްގަހާގެހި އިންދާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ހިޔާލިބޭ މަގުތައްވެސް ހުންނާނެއެވެ. އެންމެ ޒަމާނީ އޮފީސް ޖާގަތަކާއެކު، ފާހަގަކޮށްލެވޭ ފިހާރަތަކާއި، މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކާއި، ޘަޤާފީ ތަންތަން ވެސް ހުންނާނެއެވެ.
ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ. މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
2030 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ މަޤްޞަދަކީ 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. މިއާއެކު 5 ވަނަ އަހަރާ ހަމައަށް 1 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް މިމަޝްރޫޢުގެ ތެރެއިން ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ލަފާކުރެއެވެ.