ޚަބަރު

ރާއްޖޭގެ މުއައްސަސާތަކާ މެދު ފަޚުރުވެރިވާކަމަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ


  • ރައީސް ވަނީ އޯއައިސީގެ ހަރުދަނާ ލީޑަރޝިޕަށް ތަޢުރީފް ކުރައްވާފައި

  • ރާއްޖެއަކީ މެމްބަރު ޤައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ގައުމުކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ސެކްރެޓަރީ ޖެނެރަލް، ހިސެން ބްރާހިމް ޠާހާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޯއައިސީން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށާއި، އެޖަމްޢިއްޔާގެ ހަރުދަނާ ލީޑަރޝިޕަށް ތަޢުރީފު ކުރެއްވިއެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ދިވެހިރާއްޖެއަކީ އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމުގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ރާއްޖޭގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާކަމށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާއާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، އިސްލާމީ މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ދެ ފަރާތުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.