ޚަބަރު

ޤުރްއާނާއި، ސުންނަތަށް ފުރަގަސްދީފި މީހަކީ، ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެއް: ޚުޠުބާ


  • ނަމާދު ޤާއިމްކުރުމަކީ މަރު އަމާންވާ ކަމެއްކަމަށް ވިދާޅުވި

  • މާތްﷲ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ޢަމަލަކީ ނަމާދު ޤަޢިމްކުރުން

ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި ޢަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރީން އެ ފަދަ ޢަމަލުތައްކުރުން މަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ " ތަޤްވާވެރިންނަކީ މާތްﷲ ހަނދުމަކުރާމީހުން" މި މައުޟޫއެވެ.

ޚުތުބާގައި ވިދާޅުވީ، މާތްﷲ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ޢަމަލަކީ ނަމާދު ޤާއިމްކުރުންކަމަށެވެ.

"ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއީ الله އެވެ. ތިމަންރަސްކަލާނގެ މެނުވީ، ޙައްޤުވެގެން އަޅުކަންވެވޭ إلَـٰهއަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި ތިމަން ރަސްކަލާނގެ ހަނދުމަކުރެއްވުމަށް ޓަކައި، ނަމާދު ޤާއިމުކުރައްވާށެވެ!". ޚުތުބާގައި ވިދާޅުވިއެވެ.

މާތް ﷲއަށް އީމާންވުމަށްފަހު އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދުކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، ކުރާ ޢަމަލުތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީވެސް ނަމާދާއި މެދުގައިކަމަށެވެ.

އަދި ނަމާދު ޤާއިމްކުރުމަކީ މަރު އަމާންވާ ކަންތަކުގެތެރޭގައި ހިމެނޭ ކަމެއްކަމަށާއި، ކަށްވަޅުގެ އެކަނިވެރިކަމުންނާއި، އަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އަދި ނަމާދަކީ ޤިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެއްކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ، ކީރިތި ޤުރްއާނަށާއި، ކީރިތި ރަސޫލާގެ ސުންނަތަށް ފުރަގަސްދީފި މީހަކީ، ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެއްކަމަށެވެ.

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެ މީހަކު ކަނު މީހެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ. އެ މީހާ ދަންނަވާނެތެވެ. އަޅުގެ ވެރި ރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މި އަޅާ މަޙްޝަރަށް ފޮނުއްވެވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މި އަޅާ ވީމެވެ. އެ ކަލާނގެ ވަޙީކުރައްވާނެތެވެ. ހަމަ އެ ފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ކަލެޔާ ހަމަޔަށް އައެވެ. ފަހެ، އެ އާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމަ އެ ފަދައިން، މި އަދު ކަލޭގެ މަތީން ހަނދާން ނައްތައިލެވޭނެތެވެ." ޚުތުބާގައި ވިދާޅުވިއެވެ.

ނަމާދު ޤާއިމުކުރުމާއި، ހެޔޮ ޢަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާޙިޝު ޢަމަލުތަކެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާޙިޝު ޢަމަލުތަކަކީ، ޝައިޠާނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށް ޓަކައި، ނުހަނު ޒީނަތްތެރިކޮށް، އޭނާއާ ކުރިމަތިކުރުވާ ކަންތައްތައްކަމަށެވެ.

ޚުތުބާގައި ވިދާޅުވީ، ދުނިޔަވީ ކަންކަމުގައި އިންސާނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަންކަން ރާވައި، ކުރިޔަށް ގެންދެވުނަސް، އުޚްރަވީ ކަންކަން ރާވާން އެނގޭނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޞައްޙަ ޙަދީޘްތަކުގެ އަލީގައި އެކަނި ކަމަށެވެ. މާތް اﷲ ހަނދުމަކުރުމުގެ މާނައަކީ، ތިބާ އާޚިރަތްދުވަހުގެ ޙަޔާތާ މެދު ފަރުވާތެރިވެ، ހެޔޮ ޢަމަލުކުރުންމަތީ ޢުމުރު ހޭދަކުރުންކަމަށް ޚުތުބާގައި ވިދާޅުވިއެވެ.