ޚަބަރު

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައީސް ގޮވާލައްވައިފި


  • މޯލްޑިވްސް 2.0 އަކީ ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅުކަމަށް ރައީސް ވިދާޅުވި

  • މި ނިޒާމާއެކު ޕްރެސް ފްރީޑަމް އިންޑެކްސްގައިވެސް ރާއްޖެ އެތައް ދަރަޖައެއް ކުރިއަށްދާނެކަން ރައީސް ފާހަގަކުރެއްވި

"މޯލްޑިވްސް 2.0" އާއެކު ކޮރަޕްޝަން ނައްތާލަން ސަރުކާރުން ކުރާ މަސައްކަތްތަކުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި "މޯލްޑިވްސް 2.0" އާގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، "މޯލްޑިވްސް 2.0" އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅުކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެއްކަމަށެވެ.

ރައީސް ވިދާޅުވީ، މި ނިޒާމުން ކަށަވަރުކޮށްދެނީ ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރެއްކަމަށެވެ. އަދި މިއީ ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމެއްކަމަށާއި، ޕްރެސް ފްރީޑަމް އިންޑެކްސްގައިވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި މިއީ ރައްޔިތުން އެދޭ އަމާޒުކަމަށާއި، މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، ސަރުކާރުން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކުގައިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯކަމާމެދު ސުވާލު އުފައްދަވާ، މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.


ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫޢުއަކީ ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ އިސްތިޖާރުތައް ބަޔާންކުރާ މަޝްރޫޢުއެއް ނޫންކަމަށާއި މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރު ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެއްކަމަށެވެ.